ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރަތްމަންދޫ އަށް ވަޑައިގެންފިއެވެ.
ރައީސް މ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަ ވާނީ އެއަތޮޅު ރަތްމަންދޫއަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީއާއި ދިއްގަރާއި ވޭވަށުގެ އިތުރުން މުއްޔަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށާއި ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގައި ހިނގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާ ލައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވުމުގެ އިތުރުން ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.