އިންޑިއާގެ އެހީތެރިކަމާ އެކުގައި ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރާތީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ޖުޑިޝަރީ މުވައްޒަފުންތަކެއް ތަމްރީނު ކުރާތީ އެކަމުން ފައިދާވާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަމުން ވާނީ ކިހާ ވަރެއްގެ ފައިދާއެއްތޯ ބަލަން ޖެހޭކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ޝަރުއީ ދާއިރާއިން ބަލާއިރު މާ ފާހަގަކުރެވޭ ގައުމެއް ވެސް ނޫން ކަމަށެވެ.

ޝަރުއީ ދާއިރާގެ މަސައްކަތްތެރިންނަށް ތަމްރީނުދޭ އެއްބަސްވުމެއްގައި ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މި މަހުގެ 23 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން 2020 ވަނަ އަހަރު ވެސް ޖޭއެސްސީ އާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. އަދި މިފަހަރު މި ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން އިންޑިއާ އިން ތަމްރީން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.