ނަޒީރާ ކާން ނިކުން އިރު އެކަކުވެސް ފެންނާކަށްނެތެވެ. މާއިޝް އަށް ގޮވަން ހިތަށް އަރާފައިވެސް އޭނާ އަޅަނުލީ އަޒްކާ އަށް ވެފައި އިންވަރު ހިތަށް އެރުމުންނެވެ. މިވަގުތު މާއިޝްގެ އެހީ އަޒްކާ އަށް ބޭނުންވާނެ ކަން އިނގޭތީއެވެ.
"އަޒޫ..މަށަށް ޗާންސް އެއް ދީބަލަ..މަ ދެން ދުވަހަކުވެސް އަޒޫ ގެ އިތުބާރު ގެއްލޭނެ ކަމެއް ނުކުރާނަން..އަހަރުމެން ދެމީހުންގެ ދަރިފުޅަށްޓަކައިވެސް މި ކައިވެނި ނިންމާނުލާތި.." މާއިޝް ބުންޏެވެ. އަޒްކާ ގެ ފަރާތުން އެއްވެސް ބަހެއް ނައެވެ. "އަޒޫ އެއްޗެއް ބުނެބަލަ..މަށާ ވާހަކަ ދައްކަބަލަ..އަޒޫ ބޭނުން ވަނީ މިގުޅުން ނިންމާލަން ވިއްޔާ މަ އެކަން ވެސް.." މާއިޝް އަށް އެހިސާބަށް ބުނެވުނުތަނާ އަޒްކާ އޭނާގެ އަނގަމަތީ އަތް އެޅިއެވެ. "ނޫން މާއިޝް..މަވެސް ބޭނުމެއް ނޫން ލަޔާ އާއި މާއިޝް އާ ވަކިކުރާކަށް.."އަޒްކާ ވާހަކަ ދެއްކުމުން މާއިޝް އޭނާގެ އަނގަމަތީގައި އޮތް އަޒްކާ ގެ އަތް ނަގާ ވާހަކަ ދައްކަންފެށިއެވެ. "ދެން އަޒޫ އޯ..އަޒޫ ބޭނުން ތަ މަށާ އެކީ އުޅެން.." މާއިޝް އަހާލިއެވެ. ނަމަވެސް އަޒްކާ ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެވަގުތު ޔަލާ ރޯއަޑު އިވުނެވެ. އަޒްކާ އަވަސް އަރުވާލާފައި ތެދުވެގެން ގޮސް ޔަލާ ނަގާ ގަޔާ ކައިރިކޮށްލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއިއެކުއެވެ. މިއަދަކީ ރަށަށް ދިޔުމުގެ ކުރިން ޔަލާ އާއި އަޒްކާ ޑޮކްޓަރަށް ދައްކާ ފަހު ދުވަހެވެ.
ރައިފާ ފެންނަ ހިސާބުގައި އުޅެގެން އަނެއްކާވެސް މައްސަލައެއް ޖެހެން ބޭނުން ނެތިގެން އެމީހުން ގެ ބަދަލިވިތާ މިއަދަށް މީ ހަފްތާއެއް ވީ ދުވަހެވެ. ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ނިންމާލުމަށްފަހު މާއިޝް ޔަލާ އާއި އަޒްކާ އާއި އެކު ގެއަށް އައެވެ. އޭރު ނަޒީރާ ރަށަށް ދިޔުމުގެ އެއްމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ. ފްލައިޓް އިނީ ފަތިހު ކަމުން އަޒްކާ ވެސް ޔަލާ ނިންދެވުމަށްފަހު ފޮށި ތައްޔާރުކުރަން ފެށިއެވެ. މިވީ މަދު ދުވަސް ކޮޅު ތެރޭ މާއިޝް އާއި އަޒްކާ ގެ ގުޅުން ވަކި ރަނގަޅެއްނުވެއެވެ. މާއިޝް ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް އަޒްކާ އަކަށް މާއިޝް ކުރި ކަންތައް ހަނދާން ނައްތައެއްނުލެވެއެވެ. މާއިޝް ފެންނަ ކޮންމެ ވަގުތަކުވެސް އޭނާ ރައިފާ އާއި މާއިޝްގެ މުޑުދާރު ގުޅުމުގެ މަތިން ހަނދާންވެއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އަޒްކާ އަކަށް މާއިޝް އަކަށް އަންބެއްގެ ލޮއެއްބެއް ނުދެވެއެވެ. މާއިޝް ވެސް އިތުރަށް ޝަކުވާއެއްވެސް ނުކިރެއެވެ. މާއިޝް ގަބޫލުކުރާގޮތުގައި އަޒްކާ ނޫން އެހެން މީހެއް ނަމަ މިހާރު މާއިޝް އާއިއެކު ނުހުރީސް އެވެ. އޭނާ އެކަމަށްޓަކައި އަޒްކާ އަށް ޝުކުރުވެރިވެއެވެ. އެވަރުގެ އަންހެނެއް އޭނާގެ ދިރިއުޅުމުގައި ހުރުމުން އޭނާ އުފާ ކުރެއެވެ. ދިރިއުޅުމައިގެން ކުރިޔަށް ދާން އަޒްކާ ކުރާ މަސައްކަތުގައި ހިތްވަރުދޭން މާއިޝް ހުއްޓެވެ.
ރޭގަނޑުގެ ތެއް ފިނި ރޯޅިތައް އެއްވެސް ހިފެހެއްޓުމެއްނެތި އައިސް އަޒްކާގެ ގައިގައި ބީހިލާފައިދެއެވެ. ދޭތެރެއަކުން މޫނަށް ވެއްޓޭ އިސްތަށިކޮޅު ނަގާ ކަންފަތް ދަށަށް ޖަހާލާއިރު ހާދަ ހިތްގައިމެވެ. އަޒްކާ ގެ އެ ކޮންމެ ހަރާކަތަކަށް އިސްފިޔަ ޖަހާ ނުލާ މާއިޝް ބަލަހައްޓައިގެން އިނެވެ. މިވަގުތު އަޒްކާގެ ގައިގައި ބީހިލާ ވައިރޯޅިއަށްވެސް އޭނާ ނަފުރަތު ކުރެއެވެ. މާއިޝް އުއްމީދުކުރަމުން ދިޔައީ އަލުން އެދެމީހުންގެ ދިރިއުޅުން އުޖާލާވާނެ ދުވަހަކަށެވެ. އަޒްކާ މާއިޝް އަށް ދިން ފުރުސަތަކީ ރަނގަޅު ނިންމުމެއްކަން އަޒްކާ އަށް ޔަގީން ކޮށްދޭން މާއިޝް ބޭނުންވެއެވެ. "އަޒޫ އަވަހަށް ތެދުވޭ.." މާއިޝް އަޒްކާގެ ބޮލުގައި ފިރުމާލަމުން ނުހަނު ލޯބިން އޭނާ އަށް ގޮވާލިއެވެ. ދެފަހަރަކު ގޮވާލި ތަނާ އަޒްކާ އަށް ހޭލެވުނެވެ. "އަވަހަށް ރެޑީ ވާން އުޅޭ..އެހާ ވަގުތެއް ނެތް.." މާއިޝް އެހެން ބުނުމުން އަޒްކާ ތެދުވެގެން ފާހަނާ އަށް ވަނެވެ.
ފްލައިޓް ގޮސް ރަނވޭގައި ޖެއްސުމާއިއެކު އަޒްކާ ކެތްމަދުވެފައި އިނީ މީޝާ އާއި ލާރާ އާއި ބައްދަލުވާނެ އިރަކަށެވެ.
"މީޝް...އަޅޭ އައި މިސްޑް ޔޫ ސޯ މަޗް.." މީޝާ ފެނުމުން އުފަލުން އަޒްކާ އަށް އޭނާގެ ގައިގައި ބައްދާލެވުނެވެ. މީޝާ ގެ ވެސް ހާލަކީ އެއީއެވެ. "ކޮބާ ލާރު މެން..އާދިލް ވެސް ނާދޭތަ.." ޔަލާ އާއި ދިމާލަށް ދުއްވައިގެން މީޝާ ނޫން އިތުރު މީހަކު ފެންނަން ނެތުމުން މާއިޝް އަހާލިއެވެ. "އާދިލް ބޮލެއްގަ ރިއްސާތީ އޮތީ..ދެން ހައިކަލް އައި..އެހެރަ އަންނަނީ ކާރު ޕާކުކޮށްފަ.." އެކުދިން ތިނިހިސާބާއި ފުދޭވަރަކަށް ދުރުން ހިނގާލާފައި އައި ހައިކަލް އާއި ދިމާލަށް އިނގިލި ދޮއްކޮށްލަމުން މީޝާ ވާހަކަ ދެއްކިއެވެ. "އަޅޭ ދޮންބިޝް..ވީ މިސްޑް ޔޫ ސޯ މަޗް..މިހާރު ލާރު އިންނާނެ ޔަލާ އުރާލާ ހިތުން ކެއްމަދުވެފަ.." ނަޒީރާ އަތުގައި ލޯބިކޮށް ނިދާލާފައި އޮތް ޔަލާގެ ކޮލުގައި ހިފާލަމުން މީޝާ ބުނެލިއެވެ. "ހިނގާ ދެންވެސް މިހެން ނުތިބެ ދާން އަވަހަށް..އަވި އަރަން ވާއިރަށް ޔަލާ ގެއަށް ވައްދަން ވާނެ.." މާއިޝް އެހެން ބުނުމުން އެއްމެން އެކީ ހައިކަލް އާއި ދިމާލަށް ހިނގައިގަތެވެ. "އޭ އަނބުރާލާ އަވަހަށް އެކޮޅަށް.." މާއިޝް އަޑަށް ބާރުލާފައި ހައިކަލް އަށް ގޮވާލަމުން އެހެން ބުންޏެވެ. "މަ ދާނީ ޔަލާ އުރާފަ ގެއަށް.." އެހެން ބުނުމަށްފަހު ހައިކަލް އައިސް ނަޒީރާ އަތުގައި އޮތް ޔަލާ އުރާލާ ގަޔާ ކައިރިކޮށްލިއެވެ.
މަޑު ދުވެލީގައި ކާރު ދުއްވާފައި ގޮސް ގޭ ދޮރު މައްޗަށް މަޑުކޮށްލިއެވެ. އެކުދިންނަށް ގެއަށް ވަދެވުނު އިރު ގޭތެރެ އޮތީ ވަރަށް އަނދިރިކޮށްލާފައެވެ. "ކަރަންޓު ނެތީތަ.." އަޒްކާ ސުވާލުކުރިއެވެ. "ސަޕްރައިޒްޒްޒް.." އެއާއިއެކު މުޅި ގޭތެރެ ގުގުމާލައިގެން ދިޔައީ އާދިލް އާއި ލާރާ ގެ އަޑުންނެވެ. އެކުދިންނަށް މަރުހަބާ ކިޔުމަށްޓަކައި ގޭތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްލާފައެވެ. އެކި ވައްތަރުގެ ބޮކި ފަތި ތަކާއި މާ ތަކުން މުޅި ގޭތެރެ ވަނީ އުޖާލާވެފައެވެ. މޢޒު މަތީގައި ބޮޑު ކޭކެއް ހުއްޓެވެ. އޭގެ ކައިރީގައި އެކި ވައްތަރުގެ ކާ އެއްޗެހި އަތުރާލާފައިހުރި އިރު އެމީހުން މިދުވަހަށް ތައްޔާރުވަމުން އައި ވަރު ހާމަވާން ހުއްޓެވެ.
ސަކަރާތުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އަޒްކާ ވަނީ ކޮތަރިއަށެވެ. އެހެން އެއްމެން އެތާ ތިބި އިރު އަޒްކާ ދިޔުމުން މީޝާ އާއި ލާރާ އަދި ހައިކަލް އާއި އާދިލް އަށްވެސް ކަމެއް ގޯސްވެގެން އުޅޭކަމަށް ޝައްކުވިއެވެ. ވަދުތުގެ ގޮތުން މާއިޝް އާއިވެސް އެކަހަލަ ސުވާލެއް ކުރާކަށް އެމީހުން ބޭނުމެއް ނުވިއެވެ.
"އަޒޫ..ކިހިނެއްވީ ތިއައީ..މީޝް މެން ހީކުރާނީ އަޒޫ އެމީހުން ދެކެ ރުޅިން ކަމަށް އެތެރެއަށް އައީ.." ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރި އަޒްކާ ގެ ގައިގައި ފަހަތުން ބައްދާލަމުން މާއިޝް އަހާލިއެވެ. އަޒްކާ ވަގުތުން މާއިޝް އާ ދުރަށް ޖެހެލިއެވެ. "ފޫހިވީމަ..މާއިޝް އެކްޓް ކުރަން މޮޅަސް މަށަކަށް ނުވާނެ.." އަޒްކާ ދިނީ ރުންކުރު ޖަވާބެކެވެ. ރައިފާ ގެ ހަގީގަތް އިނގުން ފަހުން މާއިޝް އާއި އަޒްކާ ގެ ދޭތެރޭ ވާހަކަ އެއް ނުދެކެވެއެވެ. ދެކެވުނަސް އަޒްކާގެ ޖަވާބުތައް ހުންނަނީ ރުންކުރުކޮންނެވެ. މާއިޝް ހިތްވަރުކޮށްފައި ވާހަކަ ދައްކަން އުޅުނަސް އަޒްކާގެ ފަރާތުން ލިބޭ އެކަހަލަ ބަސްތަކުން އެނާ ފަސްޖެހެނީއެވެ. "އަޒޫ މަ ކިބައިން ބަދަލު ހިފަންތަ އެކީގަ ތިއުޅެނީ..އެހެން ކަމަށް ވަންޔާ ހިނގާ ޑިވޯސް އަކަށް ދާން.." ވަރަށް ގިނަ އިރު ވިސްނަން ހުރެފައި މާއިޝް އެހެން ބުނުމުން އަޒްކާ ސިއްސައިގެން ދިޔައެވެ. މާއިޝް އެކަހަލަ ވާހަކަ އެއް ދެއްކުމުން އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އަޒްކާ ގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތަށް ފޮރުވާލަމުން އޭނާ ވާހަކަ ދެއްކިއެވެ. "ހަމަ ނިންމަން ވީ އެހެންޔާ.. " އަޒްކާ އެހެން ބުނުމަށްފަހު ދުވެފައި ގޮސް ފާހަނާ އަށް ވަނެވެ.
އެވަގުތު ޔަލާ ގޮވައިގެން އައިސް ކޮޓަރިއަށް ވައިން މީޝާ އަށް އެމީހުން ދެއްކި ވާހަކަ ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. ދޮރު ނުލައްޕާ ހުރުމުން އޭނާ ޓަކި ނުޖަހާ ކޮޓަރިއަށް ވަނީއެވެ. މާއިޝް ފަހަތަށް އެނބުރެލި ވަގުތު މީޝާ ފެނިފައި ސިހުމެއް ލިބުނެވެ. މީޝާ ބަލަން ހުރި ގޮތުން އެދެމެދުގައި ދެކެވުނު ވާހަކަތައް މީޝާ އަށް އަޑު އިވެއްޖެކަން މާއިޝް އަށް ޔަގީންވިއެވެ.
މާއިޝް ކޮޓަރިން ނިކުމެގެން ދިޔައިރުވެސް އެހުރި ގޮތަށް ގާވެފައު މީޝާ ހުއްޓެވެ.
މާ ގިނަ އިރުތަކެއް ނުވެ އަޒްކާ ފާހަނާއިން ނިކުތެވެ. ޔަލާ އުރާލައިގެން އެނދު ކައިރީ ކޮޅަސް ހުރި މީޝާ ފެނިފައި އޭނާ މީޝާ އަށް ގޮވާލިއެވެ. ނަމަވެސް ބަދަލުގައި މީޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެއްމެ ފަހުން އަޒްކާ އަށް ޖެހުނީ މީޝާ ގެ ކައިރިއަށް ގޮސް ވާހަކަ ދައްކާށެވެ. އޭނަގެ ކޮނޑުގައި ޖަހާލަމުން އަތުގެ އިޝާރާތުން ކިހިނެއްވީތޯ އަޒްކާ އަހާލިއެވެ. "ކިހިނެއްވެގެން ތިއުޅެނީ ދޮންބެ އާ ދެމީހުން.." އެނދުގައި ޔަލާ ބާއްވާލަމުން މީޝާ އަޒްކާ އާއި ސުވާލު ކުރިއެވެ. "ކިހިނެއް ވީ.." އަޒްކާ ވެސް ކުރީ ސުވާލެކެވެ. "މަ މާ ޓަޔަޑުވީމަ އައީ އެތެރެއަށް..ދޮންބެ އާ ކަމެއް ވީ އެއްނޫނޭ.." އަޒްކާ ހަމަ ޖެހިލަމުން އެހެން ބުނުމަށްފަހު ރީތިވާ މޭޒާ ދިމާލަށް ހިނގައިގަތެވެ.
"ކަމެއް ނުވަނީސް ތަ ޑިވޯސް ވާ ވާހަކަ ތި ދެއްކީ..ދޮންބެ އެހެން ބުނީމަ އަޒޫވެސް އާނއެކޭ ތިބުނީ ވެސް ކަމެއް ނުވާތީ ދޯ...ދޮންބެ ދެކެ އަޒޫ ލޯބިވާ ވަރު މަށަށް އިނގޭ ވަރަށް ރަނގަޅަށް..ދޮންބެއަށްޓަކައި އަޒޫގެ ލޮލުން އަހަރެން ލޯބި ދުށިން..ދެން ކީއްވެ..އަޅެ ތިހެން ކަންތައްކުރަން ނިންމި އިރު ބޭބީ އެއް ހޯދީ ކީއްވެ.. ތި ދެމީހުން ވަކިވީމަ ޔަލާ އަށް ލިބޭނީ ކިހާ ބޮޑު އަނިޔާ އެއް.." މީޝާ ކުއްލިއަކަށް އެވާހަކަ ދެއްކުމުން ދެންމެ މާއިޝް އާއި އަޒްކާ ދެއްކި ވާޙަކަތައް މީޝާ އަށް އަޑު އިވުނީ ކަން އަޒްކާ އަށް އިނގުނެވެ. "މީޝް..މީ އަހަރުން ދެމީހުން ދޭތެރޭގަ އޮތް ކަމެއް..މާއިޝް ބުނި ގޮތް ކަންނޭނގެ މިހާރު އެއްމެ ރަނގަޅުވާނީ..ހަމަ އެކަނި ލޯބިވުމަކުން ނުފުދޭނެ މީޝް.." އަޒްކާ ދެންވެސް ބެލީ މީޝާ އަށް ހަގީގަތް ކިޔައިނުދީ ވިސްނައިދެވޭތޯއެވެ.
"ނޫން އަޒޫ..ދޮންބެވެސް އަޒޫ ދެކެ ވަރަށް ލޯބިވެޔޭ..ހަމަ މައްސަލައެއް ޖެހޭ އިރަށް.." މީޝާ އަށް ބުނެވުނީ އެހިސާބަށެވެ. "ހަމަ މައްސަލައެއް ޖެހޭ އިރަކަށް ނޫނޭ މީޝް..ހީ ޗީޓެޑް އޮން މީ ވިތް ރައިފާ.." އަޒްކާގެ އަނގައިން ބޭރުވި ޖުމްލަތައް އަޑުއިވިފައި މީޝާ ގަނޑުވިއެވެ. ގަބޫލުކުރަން ދަތިވެފައި އަޒްކާ އާއި ދިމާލަށް ބަލަހައްޓައިގެން އޭނާ އަށް ހުރެވުނީއެވެ. "އާނ މީޝް އެއީ ހަގީގަތަކީ..މަ ވިހަން ގޮސް ހުރީ އެގޭގަކަން މީޝް އަށްވެސް އިނގޭނެ..އެންޑް ހީ ޗީޓެޑް އޮން މީ މީޝް.." އަޒްކާ މިއޮއްހާ ދުވަހުން އެއްކުރި ހިތްވަރު ގެއްލުނެވެ. އޭނާ ބިންމައްޗަށް ތިރިވިއެވެ. އޭރުވެސް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އާދެއެވެ. އަޒްކާ އިން ހާލު ފެންނަ ކޮންމެ މީހަކުވެސް އޭނާ އާއި މެދު ހަމްދަރުދީވާނެއެވެ. އެ ދެލޮލުން އޭނާ ހިތާމަ ކުރާވަރު ހާމަވާން ހުއްޓެވެ. އެމީހަކަށްޓަކައި ގުރުބާން ވީ މީހާގެ ފަރާތުން ލިބުނު ބޭވަފާތެރިކަމުން އަޒްކާ ގެ މުޅި ދިރިއުޅުން ބަނަ ވެއްޖެއެވެ. ދުނިޔޭގައި ހުރުމުގެ އުންމީދު ގެއްލިއްޖެއެވެ. ދިރިއުޅުމައްޓަކައި ދެކުނު ހުވަފެންތައް ވިއްސިވިހާލިވެއްޖެއެވެ.
"ޔަލާ ލިބިފަ ނެތް ނަމަ އަހަރެން މާއިޝް އާއި ވަކިވާނެތާ ކިތަންމެ ދުވަހެއް މީޝް..އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ އެކަންތައް ހަނދާން ނައްތާލަން..އެކަމް މާއިޝް ފެންނަ ކޮންމެ ފަހަރަކުވެސް އެ މުޑުދާރު ގުޅުމުގެ މަތިން އަހަރެން ހަނދާންވޭ..މަގޭގެ މިކުޑަ ކުޑަ ދަރިފުޅައްޓަކައި މިހުރިހާ ދުވަހަވެސް މިކެއްކުރީ..މަ މާއިޝް ދެކެ ލޯބިވާތީ އެހުރިހާ ކަމަކަށް ކެއްކޮއްލައިގެން މިހުރީ..މަށެށް ނޫންތަ ވަރިއަށް އެދެން ޖެހޭނީ..އެކަމް މަ އޭނަ ދެކެ ލޯބިވާތީ ދުރުވާން ބޭނުން ނުވާތީ މިހުރީ..އެކަމް މާއިޝް ބޭނުން ވަނީ ކިހާރު ވަރިވާން..އެއްފަހަރުވެސް އެހެން ބުނުމުގެ ކުރިން ވސްނާނުލި މަށަށް ވާނެ ގޮތެއް ޔަލާ އަށް ވާނެ ގޮތެއް.." ރޮމުން ރޮމުން ގޮސް އަޒްކާ ގެ އަޑު ބެދިއްޖެއެވެ.
"އަޒޫ ތިވަރަށް ނުރޮއެ ހުއްޓާލާ.އިރާދަކުރެއްވިއްޔާ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..." މީޝާ އަޒްކާގެ ގައިގައި ބައްދާލިއެވެ. "މީޝް..އަޅެ މަ ހާދަ ލޯބިވެޔޭ މާއިޝް ދެކެ..މާއިޝް އެހެން ކަންތައްކުރީމަވެސް ދުރުވާން ބޭނުން ނުވާތީ މަ ކެއްކުރީ..މަށަށް މާއިޝް އާއި ނުލާ ނޫޅެވޭނެތީ.." އަދިވެސް އަޒްކާ ރޮނީއެވެ.
އެހުރިހާ ވާހަކައެއް އަޑުއަހަން ދޮރުކައިރީ ހުރި މާއިޝް އަށް ރޮވިއްޖެއެވެ.އޭނާ އަށް އަޒްކާ ގެ އިހުސާސްތައް ދެނެގަންނަން ނޭނގުމުން އަމިއްލަ ނަފުސު ކުށްވެރިކުރެވިއްޖެއެވެ. އަޒްކާ އެހާ ވޭނުގައި އުޅުން އިރުވެސް އޭނާ އަކަށް ނޭނގުނެވެ. އޭނާ އަށްޓަކައި އަޒްކާ އުފުލާ ވޭން އޭނާގެ އަމިއްލަ ލޮލަސް ފެނުމުން އޭނާ އަށް މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ސަބަބުން ހަލާކުވަމުން އެ ދަނީ ކުށެއްނެތް މީހެއްގެދިރިއުޅުމެވެ.
ހިތަށް ކުރި އަސަރުން މާއިޝް ބޭރަށް ނިކުތެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
އަތިރިމަތީ މީހުން ނޫޅޭ ހިސާބުގައި އިނދެގެން އޭނާ ވަރަށް ވިސްނިއެވެ. ކިތަންމެ ދުވަހަކު އިންތިޒާރު ކުރަން ޖެހުނަސް އޭނާ އަޒްކާ ގެ ލޯބި އަލުން އަނބުރާ ހޯދަން އަޒުމް ކަނޑައެޅިއެވެ. ކޮންމެ ހާލެއްގައިވެސް އޭނާ ދެން އަޒްކާ ދުލެއް ނުކުރާނެއެވެ. އަޒްކާގެ ހިތުގައި މާއިޝްއަށްޓަކައި ވާ ލޯބި ފެނިފައި އޭނަ ގެ އުއްމީދު އަލުން އާ ވެއްޖެއެވެ.
އެދުވަހު މާއިޝް ގެއަށް ދިޔައީ އާ އަޒުމަކާއިއެކުއެވެ. އޭނާއަށް ގެއަށް ދެވުނު އިރު ލާރާ އާއި ހައިކަލް ސިޓިންރޫމުގައި އޮލަ ވާހަކަ އެއްގައި ތިއްބެވެ. ދެމީހުންގެވެސް ވިސްނުން ގުޅިފައި ހުރި އެދެކެވެމުން ދިޔަ ވާހަކައަށެވެ. އެހެން ކަމުން މާއިޝް ގެއަށް ވައިން ކަމެއްވެސް އެކުދިންނަކަށް ނޭނގުނެވެ. މާއިޝް ވެސް އިތުރަށް އެތާ މަޑުނުކޮށް ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ އަޒްކާ ފެނޭތޯއެވެ. އަޒްކާގެ އެ ސޫރަ ދެކިލާ ހިތުން އޭނާ ގެ ހިތް އޮބި ނޯވެ ތެޅޭތާ ކިތަންމެއިރެކެވެ.
މާއިޝް މަޑު މަޑުން ކޮޓަރި ތަޅުގައި ހިފާލިއެވެ. ދޮރުހުރީ ތަޅުނުލާ ކަމުން އޭނާ މަޑު ހަރަކާތަކާއިއެކު ދޮރު ހުޅުވާލިއެވެ. އޭރު ރީތިވާ ލޯގަނޑު ކުރިމަތީ އަޒްކާ ހުއްޓެވެ. އަޒްކާ ގެ މޫނު މަތިން މިހާރު ތާޒާ ކަން ފެންނަން ހުއްޓެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަނީ ވައިގެ ތެރެއަށް ދޫކޮށްލާފައެވެ. އިސްތަށިގަނޑުން ޖަހަމުން ދިޔަ ފެންތިކި ތަކުން އޭނާ ފެންވެރީ ދެންމެކަން މާއިޝް އަށް އިނގުނެވެ.
ސޯފާ މަތީގައި އޮތް ތުވާލިނަގާ އަޒްކާ އިސްތަށިގަނޑު ހިއްކަން ފެށިއެވެ. އޭރު އޭނާ ގެ ތުންފަތްމަތީގައި މަޑު މަޑު މުއިޒުކެއްގެ ރާގު އަޅުވާލެވިފައިވެއެވެ. ކިޔަމުން ދިޔަ ލަވަޔާ އެއްވަރަށް އަތް ހަރަކާތް ކުރަމުން އަޒްކާ ދިޔަ އިރު ދޮރުމަތީގައި ހުރި މާއިޝް ގެ ހިލަމެއްވެސް އޭނާ އަކަށް ނުވެއެވެ. އަޒްކާ ވަނީ އެއަށްވުރެން ބޮޑަށް އަމިއްލަ ވިސްނުމެއްގެ ތެރޭގައެވެ.
އަޒްކާ ގެ ކޮންމެ ހަރަކާތަކަށް ފޫހި ކަމެއް ނެތި ބަލަހައްޓައިގެން މާއިޝް ހުރީ ހެވިފައެވެ. ކުއްލިއަކަށް ނަޒީރާ ގެ އަޑަށް މާއިޝް އާއި އަޒްކާ ދިޔައީ ސިއްސައިގެންނެވެ. ދޮރުމަތީގައި ހުރި މާއިޝް އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. "ދަރިފުޅާ މާއިޝް..އަމިއްލަ ކޮޓަރި ބޭރުގަ ހުރެގެން ކާކަށްތަ ފާރަލަނީތި.." "މީ...މީ..ދެންމެ އޭ މިއައީ އަދި.." އަޅައިގަންނަމުން މާއިޝް އަށް އެހެން ބުނެވުނުއިރު ހީވަނީ ވައްކަމެއް ކޮށްގެން ފިލަން އުޅޭ މީހެއް ހެންނެވެ. މާއިޝް އަށް ވީ ގޮތް ފެނިފައި ނަޒީރާ ގެ ގާތަށް ހިނިއައެވެ. އަޒްކާ ވެސް މާއިޝް ގެ މޫނުމައްޗަށް އެރި ކުލަވަރު ފެނިފައި ހިނިގަނޑު ހިފަހައްޓާލައިގެން ހުރެވުނީ ހަމަ ކިރިޔާއެވެ.
ނަޒީރާ ދިޔުމުން މާއިޝް އަވަސް އަވަހަށް ކޮޓަރިއަށް ވަދެ އެނދުގައި އިއްތާލިއެވެ. އަޒްކާ ވެސް މާއިޝް އަށް ބަލާލުމަށްފަހު ތުވާލި ނަގާ ބޯހިއްކަން ފެށިއެވެ.
ލޯގަނޑު ކުރިމަތީގައި ހުރި އަޒްކާ އަށް މާއިޝް ބަލަން އިންގޮތުން އުނދަގޫ ވިއެވެ. "ކިހިނެއް ވީ ތިބަލަނީ.." އަޒްކާ ގެ އަޑުން އޭނާ ރޮއެފައި ހުރިކަން އަދިވެސް ހުރީ އިނގޭށެވެ. އަޑު ކުރެހިފައި ހުރުމުން އޭނާ ވާހަކަ ދެއްކީ މަޑުންނެވެ. "މަގޭ އަންހެނުން ރީތި ކަމުން..ދެން އެހާ ރީތި ކުއްޖެއް ކުރިމަތީގަ ހުންނަ އިރު ކޮންމެ މީހަކުވެސް ބަލާނެ ދޯ.." މާއިޝް ކުއްލިއަކަށް މާ ލޯބިން ވާހަކަ ދެއްކުމުން އަޒްކާ ހައިރާންވިއެވެ. މީގެ އިރުކޮޅެއްކުރިން ވަރިވާ ވާހަކަ ދެއްކި މީހަކަށް ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އައުމުން ހައިރާން ނުވާނީ ވަކި ކާކު ހެއްޔެވެ. "ކިހިނެއްތަ ވީ..މަށަށް މަގޭ އަންހެނުންނަށް ތަޢުރީފު ކޮށްލުން ވެސް މަނާ ތަ މިހާރު.." އަޒްކާ ބަލަން ހުރިގޮތުން މާއިޝް އަހާލިއެވެ.
އޭނާ އެނދުން ތެދުވެގެން އަޒްކާ އާއި ދިމާލަށް ހިނގައިގަތެވެ. އަޒްކާ އަވަސް އަވަހަށް ނޭނގޭ ކަމަށް ހަދާ މާއިޝް އާއި ދުރުފަޅިއަށް އެނބުރެލިއެވެ. ނަމަވެސް މާއިޝް ގެ ފިޔަވަޅު ތަކެއް ިފަހަރަކު ނުހުއްޓުނެވެ. އޭނާ އަޒްކާ ގެ އުނަގަނޑުގައި ހިފާ އޭނާ އާއި ކައިރިއަށް ދަމާލިއެވެ. އެދޭތެރެއަށް ވައިރޯލިއަކަށްވެސް ނުވަދެވޭނެހޭ އަޒްކާ އޭނާ އާއި ކައިރިކޮށްލުމަށްފހު މާއިޝް ވާހަކަ ދައްކަން ފެށިއެވެ."ސޮރީ ބޭބް..ދެން ދުރުވާ ކަހަލަ އެއްވެސް އެއްޗެއް ނުކިޔާނަން.." މާއިޝް ގެ އަތުން އަޒްކާ ގެ މޫނަށް ވެއްޓިފައި ހުރި އިސްތަށިތައް ނަގާ ދުރަށް ޖައްސާލަމުން އަޒްކާ ގެ ކޯތާފަތުގައި ބޮސްދިނެވެ.
އެދެމީހުން ދޭތެރޭ މައްސަލަ ޖެހުން ފަހުން މާއިޝް އަޒްކާ އާއި އެހާ ކައިރި ވީ މީ ފުރަތަމަ ފަހަރެވެ. އަޒްކާ ވެސް މާއިޝް އާއި ދުރަށް ދާކަށް ބޭނުމެއްނޫނެވެ. އަޒްކާގެ ފަރާތުން ބަހެއް ނައުމުން މާއިޝް ތިރިވެލާ އަޒްކާ ގެ ތުނި ތުންފަތުގައި އޭނަގެ ތުންފަތްޖައްސާލިއެވެ. މާއިޝް ގެ އެ އަމަލުން އަޒްކާގެ ހިތުގެ ތެޅުން ބާރުވިއެވެ. ހީވަނީ މޭގަނޑުފަޅާ ބޭރަށް ނިކުންނަން އުޅޭހެންނެވެ.ނޭވާ ހިފަހައްޓާލައިގެން އަޒްކާ އަށް ހުރެވުނީއެވެ. "އަދިވެސް ރުޅިއަށް ހުންނާނަން ތަ.." މާއިޝް ލާނެތް ފާޑަކަށް އެހެން ބުނެލުމަށްފހު އަޒްކާ ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަނގައިން ބަހެއް ބުނަން ނޭނގިފައި މާއިޝް އަށް ބަލަހައްޓައިގެން އަޒްކާ އަށް ހުރެވުނީއެވެ. "ތިހެން ރުޅިއަށް ހުންނަންޔާ އަނެއްކާވެސް ހަމަ އެހެން ހަދާނީ އިނގޭ.." އަޒްކާގެ ކަންފަތް ބުޑުގައި މާއިޝް ވައިއަޑުން އެހެން ބުނެލިވަގުތު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މާއިޝް ގެ އެ ބީހިލުމުން އަޒްކާގެ ހުރިހާ ހިއްސެއް ހޭލުއްވާލައިފިއެވެ. "އަޒޫ..މަ ދުވަހަކުވެސް އަޒޫ ދޫކޮށްލާފައެއް ނުދާނަން..މަ މީ ހަމަ އެކަނި އަޒޫގެ މީހެއް.." މާއިޝް އަނެއްކާވެސް އަޒްކާ ގެ ތުންފަތުގައި ބޮސްދިނެވެ.
- ނުނިމޭ