އަންނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ބަޖެޓަކީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނަސް އެކަން ކުރުމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމަނައިގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް އީސީން ބުނެއެވެ.

އީސީން ބުނީ މި ބަޖެޓު އެކުލަވާލާފައިވަނީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ކަމަށެވެ.

އިންތިހާބަށް އީސީން ކަނޑައެޅި ބަޖެޓާ ގުޅޭ ތަފުސީލުތައް ފިނޭންސް މިނިސްޓްރީ އަށް މިހާރު ފޮނުވައިފައިބާ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ، ރިޔާސީ އިންތިހާބަށް އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ދަތުރުފަތުރަށް ކަމަށެވެ. މިގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ވޯޓު ކަރުދާހައި އޮފިޝަލުން ފޮނުވުމަށް ބޮޑު ހޭދައެއް ދާ ކަމަށް އީސީން ފާހަގަކުރެއެވެ.

އަންނަ އަހަރު ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރީތައްވަމުން އަންނަ އިރު، ރިޔާސީ ޓިކެޓް މިހާތަނަށް ކަށަވަރުވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި ޑީއާރްޕީގެ ފަރާތުން އެޕާޓީގެ ލީޑަރު އަބުދުﷲ ޖާބިރު އަދި އެމްޑީއޭގެ ފަރާތުން އަހުމަދު ސިޔާމް މުހައްމަދު ހިމެނެއެވެ.