ރަސްމީ ދަތުރުފުޅެއްގައި އަންނަ ހޮނިހިރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިއީ ބައެއް މަޝްރޫއުތައް ފެށުމަށާއި ނިމުން ފާހަގަކުރުމަށް ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ދިއްގަރު ދާއިރާގައި ހިމެނޭ ދިއްގަރުގެ އިތުރުން ރަތްމަންދޫ، މަޑުއްވަރީ، ވޭވަށް އަދި މުއްޔަށެވެ.

އަންނަ ހޮނިހިރު ދުވަހު އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރަތްމަންދޫ އަށެވެ. އަދި އެންމެ ފަހު މަންޒިލެއްގެ ގޮތުން މުއްޔަށް ވަޑައިގަތުމަށް ފަހު އާދިއްތަ ދުވަހު ރައީސް މާލެ ވަޑައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ ރަށްރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް ރަސްމީ ދަތުރުފުޅެއްގައި މ. އަތޮަލށް ވަޑައިގަތުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ މަޝްރޫއުތައް ނިންމުން ފާހަގަ ކުރުމަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެ ގޮތުން އެމަނިކުފާނު އެންމެ ފަހުން ވަޑައިގެންފައި ވަނީ އައްޑޫ އަތޮޅަށާއި ފުވައްމުލަކަށެވެ. އޭގެ ކުރިން އެމަނިކުފާނު އުފަން އަތޮޅު ޅ. އަތޮޅުގެ 6 ރަށަކަސް ވެސް ވަނީ ވަޑައިގެންފައެވެ.