ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ.ރުވާމާގެ، އަގްމަދު ތަސްމީން އަލީ މިއަދު އައްޔަނުކުރައްވައިފިއެވެ.

ތަސްމީން އަށް، ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ތަސްމީން އަކީ އިނގިރޭސި ވިލާތުގެ، ޔުނިވާސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ.

ތަސްމީން މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓާ އޮފް ހޯމް އެފެއާޒްގެ މަގާމާއި، މިނިސްޓާ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ވެސް ތަސްމީނު ވަނީ ފުރުއްވާފައެވެ.