ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ހިންގި ހަރަކާތް ހުއްޓުވުމަށް ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ފ. ދަރަނބޫދޫ އާބާދީ ގުލްޝަން، ޝަބިމް އާދަމް ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.

އެ މައްސަލައިގާ ޝަބިމް މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ދޫކޮށްލައިފާ ވާއިރު ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޖޫން 26 އިން ފެށިގެން އޮގަސްޓް 5ގެ ނިޔަލަށް އޭނާ ހުރީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.

ޝަބިމް ދޫކޮށްލި މައްސަލަ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޝަރީއަތް ނިކެންދެން ނުވަތަ ތަހުގީގުގެ މަރުހަލާ ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށް އެދޭ ކަމަށެވެ.

ހައިކޯޓުން ވަނީ ޝަބިމް ދޫކޮށްލައިފާ ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުރަވެވޭ ކަމަށް ބުނެފައެވެ.