ދަރިވަރަކަށް ބަދުއަހްލާގީ ވީޑިއޯ ދެއްކި ޓީޗަރަކުގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދިވެއްސެކެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ ޓީޗަރުގެ ބަދުއަހުލާގީ މައްސަލައާ ގުޅިގެން މިމަހު 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އާންމުންގެ ބަޔަކު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދަކަށް އެ ޓީޗަރު ގެންގޮސް އޭނާއަށް އަނީޔާ ކޮށްފައެވެ. އޭނާއަށް އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މިޑިއާގައި ވައިރަލް ވެފައި ވާ އިރު، އޭނާ ވަށާލައިގެން އެ ވީޑިއޯގައި ތިބި އަންހެނުންނާއި ފިރިހެނުން ވަނީ އެ ޓީޗަރާ ދިމާއަށް އެއްޗެހި ކިޔާފައެވެ. އެ ގޮތުން އެމީހާ ކިތައް ކުދިންނާ ޖިންސީ ގޯނާ ކުރިންތޯ ވެސް ސުވާލު ކުރާ އަޑު އިވެއެވެ.
މީގެ އިތުރުން ގްރޭޑް 4 ގައި ކިޔަވަމުންދާ ފިރިހެން ކުއްޖަކަށް އެ ފިރިހެން މީހާ ޓިއުޝަން ދޭނެ ކަމަށް އަމިއްލަ އަށް ބުނެގެން ގެންގޮސް އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ބުނެ ވެސް އެމީހާ އާ އެތައް ސުވާލެއް ކުރެއެވެ. އެ ކުއްޖާ އަށް ހެދި ގޮތް ކިޔައި ދިނުމަށް އަންހެނަކު ތަކުރާރުކޮށް އެދޭ އަދު އެ ވީޑިއޯއިން އެދޭ އިރު އެ ފިރިހެން މީހާ ޖަވާބެއް ނުދެއެވެ. ނަމަވެސް އޭނާ ދިޔައީ ރޮމުންނެވެ.
އެކި ފަހަރު މަތިން އެމީހާ ގައިގާ ތަޅާފައި ވާއިރު، އެމީހާ ލައިގެން ހުރި ޓީޝާޓާއި ޖީންސް ވެސް ވަނީ ބާލުވާފައެވެ. އަދި އެމީހާ ހުސް ބޮކްސާގައި ހުރި އިރު، އަތުން ހިފަހައްޓަން ދީފައިވާ ކާޑު ބޯޑުގައި އެއްޖިއްސުން ގުޅުން ހިންގާ މީހެއްކަން އަންގައިދޭ ފަދަ ލިޔުމެއް ލިޔެފައި އޮތެވެ.
މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށާއި އެއާއެކު އޭނާ ސަސްޕެންޑް ކުރި ކަމަށެވެ. އެ ޓީޗަރު ދަރިވަރަކަށް ބަދުއަހްލާގީ ވީޑިއޯ ދައްކާފައި ވާ ކަމަށް ވަނީ އެ ކުއްޖާއަށް ޓިއުޝަން ދޭން ކަމަށް ބުނެ އެ ޓީޗަރުގެ ގެއަށް ގެންގޮސްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.