ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި އާއިލާއާ އެކުގައި ތިބެގެން ގައުމަށް ހިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ތައުލީމީ ޒުވާން ޖީލެއް ފައްކާވެ ގައުމީ ހިދުމަތަށް ނުކުންނަ އިރު ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަރިވަރުން ހާސިލްކުރާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ ހޭލުންތެރި ބަޔަކަށްވުމަށް އަޒުމް ކަނޑައަޅައިގެން ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ޒަމާން ބަދަލުވެ ވަސީލަތްތައް ތަފާތުވެއްޖެކަމަށާއި ކަންކުރަމުން އައި އާދަކާދަ ވެސް ބަދަލުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން ތަރައްގީއަށް ކުރާ އުންމީދުތަކާ އެއް މިސްރާބަށް ސަރުކާރުގެ ތައުލީމީ ސިޔާސަތުވެސް ވަނީ ދީލާލެވިފައި ކަމަށެވެ.