ފ.ނިލަންދޫގެ ނަރުދަމާގެ ނިޒާމު ހަލާކުވެ،ނަޖިސް ފެންތައް ރަށުތެރެއަށް ދައުރުވަމުން ދާތީ އެކަމަށް ހައްލު ހޯދައި ދިނުމަށް އެދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާއަށް ގަރާރު ހުށައަޅުއްވަމުން މުހުސިން ވިދާޅުވީ، ނިލަންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހަލާކުވެ އެމައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެއާއެކު ރަށުތެރެއަށް ނަޖިސް ފެންތައް ދައުރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބަލިމަޑުކަމާއި ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް މުހުސިން ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި ވެސް އެރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަން މުހުސިން ފާހަގަ ކުރެއްވިއެވެ. އަދި އެކަމަކީ ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ވެސް ފުރިހަމައަށް ރައްޔިތުންނަށް ލިބެދޭންޖެހޭ އަސާސީ ހައްގެއް ކަމަށް މުހުސިން ވިދާޅުވިއެވެ.

ފ. ނިލަންދޫގައި ގާއިމުކުރެވިފައިވާ ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ދެއްވުމަށް ކަމާގުޅޭ ވުޒާރާތަކުގައި އެތައް ފަހަރެއްގެ މަތިން އެދިވަޑައިގެންފައި ވާނެ ކަމަށް މުހުސިން ވިދާލުވިއެވެ.

މި ގަރާރު މުހުސިން ހުށަހެޅުއްވުމުން މަޖިލީހުގައި ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި މެމްބަރުން ވަނީ އެ ގަރާރަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ވެސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.