ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމޭނޭކަމަށް ރައީސް ޑރ މުހއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދަކީ ވައިގެބަނދަރެއް ގާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއާޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާސިލުވުމަށް ކުރިއަށްގެންދަން ރާއްވަވާފައިވާ އެހެނިހެން މަޝްރޫއުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރަށުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް މާދަމާ މަސައްކަތް ފައްޓަވާނޭކަމަށާއި، ގިނަވެގެން 24 މަސް ދުވަސް ތެރޭ އެ މަސައްކަތް ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ފެނުގެ ވިއުގަ ގާއިމުކުރެވޭނެ. އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނިލަންދޫގައި ގާއިމުކުރާ ދަޅުބަންދުކުރާ ކާރުހާނާގެ އިންޖިނިއަރިން، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާޗް މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން 200 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއު ކުރިއަށްދާކަމުގެ ޔަގީންކަން އެމަނިކުފާނު ނިލަންދޫ ރައްޔިތުންނަށް ދެއްވިއެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ، އަންނަ އަހަރުން ފެށިގެން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބަޖެޓަކީ ކައުންސިލް ބަޖެޓުގެ 10 އިންސައްތަ ކަމުގައި ކަނޑައަޅުއްވާނޭކަން އިއުލާންކުރައްވާފައެވެ. މި ފިޔަވަޅުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުވުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދަވަނީ ލާމަރުކަޒުކޮށް، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން އެދޭގޮތް އޮޅުންފިލުއްވައިގެންކަން އެމަނިކުފާނު ރޭވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދާނަމަ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ، ނިލަންދޫގެ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، ދަޅުބަންދުކުރާ ކާރުހާނާގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، ފ އަތޮޅުގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، ނިލަންދޫ އެއާޕޯޓް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، ނިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ.