ސަރުކާރުން ކުރަން ވައުދުވި ކަންކަން ނުފުއްދާ ކަމަށާއި، ފެންނަނީ އާއިލާ (ރައީސް ސޯލިހު) ގެ ބޭފުޅުންގެ ތަންތަނުގައި އެއާޕޯޓް އަޅާތަންކަމަށް ވިދާޅުވެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ސަރުކާރަަށް ފާޑުވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލައިގައި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ހުށަހެޅުއްވި ގަރާރަކަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ބޭނުން ވަނީ ތަރައްގީ ކަމަށާއި އެ ރައްޔިތުން ބޭނުން ވަނީ އަމިއްލަ ފަސްގަނޑުގައި ހިތްހަމެޖުމާއި އަރާމުގައި ދަރިންނަށް ކިޔަވައިދީގެން އެ ކުދިންނާއެކު އުޅެވޭނެ ގޮތެއް ކަމަށެވެ.
މިހާރު އިވެމުން އަންނަނީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައްޔާރުވަމުން އަންނަ ވާހަކަކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކާއިރު ފުރަތަމަ ދައުރުގައި ވައުދުވީ ކަންކަމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި ވައުދުވެފައި ހުރި ކަންކަން ނުފުއްދި ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ ބިލެއްފަހީ ރައްޔިތުން އުންމީދު ކުރަމުންއައީ ދަތުރުފަތުރުގެ ފަސޭހަގޮތެއް ގާއިމުވެފައި އޮތުމަށް ކަމަށާއި އެގޮތުން މިސަރުކާރުގައި އެ ރަށުގައި އެއާޕޯޓެއް އެޅޭނެކަމުގެ އުންމީދުގައި އެރަށުގެ ރައްޔިތުން ތިބި ކަމަށެވެ. އަދި މިއަދު ށ. އަތޮޅުގެ ރައްޔިތުންގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޓޫރިޒަމް ދޮންވެ ފައްކާ ނުވަނީ ދަތުރުފަތުރުގެ ނިޒާމު ފަހިވެފައި ނެތުމުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މިއަދު ފެންނަނީ ވައުދުވި ކަންކަން ބަހައްޓައި ވައުދު ނުވެ ހުރި އާއިލާގެ ބޭފުޅުންގެ ތަންތަނުގައި އެއާޕޯޓުތައް އެޅިގެންދާ ތަންތަން ކަމަށް ޝަހީމް ވިދާޅުވިއެވެ. އެ އިޝާރާތް ކުރެއްވީ ރ. އަލިފުށީގައި މި މަހުގެ އަމަލީ މަސައްކަތް ފެށި އެއާޕޯޓު މަޝްރޫއަށެވެ. އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ރައީސް ސޯލިހްގެ ޅިޔަނެކެވެ.