ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދު އެ ތަނުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ ޝަމިމް މަރާލުމަށް ހަމަލާ ދީފައިވަނީ ކިވީ ބްރޭންޑްގެ މިޔަކުޑަ ވަޅިއަކުން ކަމަށް ހެކިބަސް ދިން ބައެއް މީހުން ބުނެފިއެވެ.
އެ މައްސަލާގެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގައި ހިމެނޭ ދެ ސީން އޮފް ކްރައިމް އޮފިސަރުންގެ ހެކިބަސް ނަގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 2018 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ މީހެކެވެ. އެ މީހާ ހާޒިރުކޮށްފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ދެ ރިޕޯޓެއްގެ ސައްހަކަން ކަށަވަރުކުރުމަށެވެ.
އެ މީހާ ބުނީ އޭނާ ދިޔައިރު ބަދިގެ ތެރެ ވަނީ ސާފުކޮށްފައި ކަމަށާއި ބަދިގެ ތެރެއިން ހަމަލާދިން ކަމަށް ބެލެވޭ ވަޅިތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް ވެއިޓަރުގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ ހަމަލާދީފައިވަނީ ކިވީ ބްރޭންޑްގެ މިޔަކުޑަ ވަޅިއަކުން ކަމަށް އޭނާ ބުނެއެވެ.
ދެން ހާޒިރުކުރި ހެކިވެރިޔާ އަކީ 2014 ވަނަ އަހަރުން ފެށިގެން ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މީހަކަށް ވާއިރު އޭނާ ވަނީ ވެއިޓަރުގެ ހަށިގަނޑާ އަންނައުނު ބަލާ ފާސްކޮށްފައެވެ.
ޝަމިމް މަރާލީ ބިރިޔާނީއަށް ކޮށި އަލުވި މަދުވެގެން ޖެހުނު މައްސަލައެއްގައި ސަމްސާ އެއްލުމުން މައްސަލަ ހޫނުވެގެން ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ހެކިބަސްދިން ހެކިވެރިޔަކު ވަނީ ބުނެފައެވެ.
އެ މާރާމާރީގައި މަރުވި ޝަމިމް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވާ ވީޑިއޯއެއް ދައުރުވިއެވެ. ނަމަވެސް އެެ ވީޑިއޯއިން ފެންނަ އިރު ވެއްޓިފައި އޮތް ޝަމިމްގެ ހަރަކާތެއް ނެތް އިރު އޭނާގެ ގައިން ފޭބި ލޭ ވެސް ނެތެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، ޝަމިމް މަރާލުމަށް ހަމަލާ ދިނުމުން އޮހޮރުނު ލޭ ވަނީ ދޮވެ ނައްތާލާފައެވެ.
ޝަމިމްގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.