ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓު އެޓް އާމްސް، މުހައްމަދު ހަލީމް ވަޒީފާއިން ވަކިކޮށްފިއެވެ.

ހަލީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުން ވަކިކުރަން ފެންނަކަމަށް 25 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި އެއް މެންބަރަކު އިންނެވިއިރު, ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.

ހަލީމް މަގާމުން ވަކިކޮށްފައި މިވަނީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހަލީމް ސަސްޕެންޑު ކުރީ އޭނާއަށް ލިބެންވާ މުސާރަ ލިބޭގޮތަށެވެ. ވަކި މުއްދަތެއް ނެތްގޮތަށް އޭނާ ސަސްޕެންޑު ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމް ފުރަތަމަ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2013 ވަނަ ދުވަހެވެ އެ މަގަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ ގިނަ ދުވަހު އެމްއެމްޑީއެފަށް ހިދުމަތް ކުރައްވާފައެވެ.

ސާޖެންޓް އެޓް އާމްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.