މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު މަބްރޫކް އަޒީޒްގެ ބަދަލުގައި މިއުވާން މުހައްމަދު ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް ހަމަޖައްސައިފިއެވެ.

މިއުވާން ވަނީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމް މިދިޔަ ޖުލައި މަހާ ހަމައަށް އަދާ ކުރައްވައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިއުވާން އައްޔަނުކުރި ކަން އެ އިދާރާއިން ވަނީ "ދަ ޕްރެސް" އަށް ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19 ގެ ދުވަސްވަރު އާންމުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވުމަށް ފަހު، ރައީސް އޮފީހުގެ ތަރުޖަމާނު ކަމާ މިދިޔަ އަހަރުގެ ފުރަތަމަ ދުވަހު ހަވާލުވެވަޑައިގަތް މަބްރޫކް އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ އިއްޔެގެ ވަގުތެއްގައި، ޗުއްޓީގައި ހުންނަވައެވެ. އޭނާގެ އިސްތިއުފާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަބޫލު ކުރައްވައިފައެވެ

އެ މަގާމުގައި ހުންނެވުމަށް ފަހު މަބްރޫކް އިސްތިއުފާ ދެއްވާފައި ވަނީ މި ވެރިކަމުގައި ބާކީ އަހަރަކާއި ދެމަސް އޮއްވައެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ.