ދަރިންނަކީ ކޮންމެ މަޔަކާއި ބަފަޔަކަށް ހަވާލުކުރެވޭ ބޮޑު އަމާނާތަކަށް ވާއިރު އެ ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަކީ އެ މައިންބަފައިންގެ އަމާޒެކެވެ. އެގޮތުން ކޮންމެ ކުއްޖެއްގެ ވެސް ހަޔާތުގައި ތައުލީމުގެ ދައުރު މުހިންމު ވާއިރު އެ ކުދިންގެ ތަފާތުތަކަށް ބެލުމެއް ނެތި ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށް މައިންބަފައިން ރެއާއި ދުވާލު ނިދި ނަގާލާ ބުރަ މަސައްކަތްތަކެއް ކުރެއެވެ. އުފަންވާއިރު ކުއްޖަކަށް ލިބިފައި ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ތައުލީމު ހާސިލު ނުކުރެވޭނެ ކަމަށް ބުނެ ބާކީ ކޮށްލާ މަންޒަރު މި ކުޑަކުޑަ މުޖުތަމައު އިން ފެންނަމުން ދިޔަ ނަމަވެސް އެފަދަ ކުދިންނަށްވެސް ކިޔެވިދާނެ ކަމަށާއި ރަނގަޅު ނަތީޖާއެއް ހޯދިދާނެކަން ރ. މާކުރަތު ސްކޫލުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެ އިމްތިހާނު ހެދި ލޯފަން ދަރިވަރަކު ވަނީ ސާބިތުކޮށްދީފައެވެ.
މިހާރު އުމުރުން 19 އަހަރުގެ ދަލީލާ އަހުމަދު ވަނީ މިދިޔަ އަހަރުގެ އޯލަވެލް އިމްތިހާނުގެ 5 މާއްދާގައި ބައިވެރިވެފައެވެ. އެގޮތުން ދަލީލާ ވަނީ އިސްލާމާއި ދިވެހިން އޭ، ކެމިސްޓްރީން ސީ، އިނގިރޭސި އާއި ބިޒްނަސް އިން ޑީ ހޯދާފައެވެ.
މިކަމާ ގުޅިގެން ދަލީލާގެ ޝުއޫރުތައް "ދަ ޕްރެސް" އާ ހިއްސާކުރަމުން އޭނާ ބުނީ އެފަދަ ކާމިޔާބީއެއް ލިބުނީތީ އުފާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ބޭނުމީ އޭނާ ފަދަ ކުދިންނަށް ވެސް ކާމިޔާބީ ލިބުން ކަމަށެވެ. އަދި މިއަދު އެފަދަ ކުދިންނަށް ކިޔެވޭނެކަން ސާބިތުވެގެން ހިންގައްޖެ ކަމަށާއި ބޭނުންވާ ދާއިރާތަކުން ކުރިއަށް ގޮސް އިތުރަށްވެސް އެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ދަލީލާ ބުނެއެވެ.
ދަލީލާ ކިޔަދިން ގޮތުގައި އޭނާ އޯލެވެލް އިމްތިހާނާ ދޭތެރޭ ވިސްނާލީ ގްރޭޑް 9 އަށް ދިޔަ ފަހުން ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ އެހީ އެކަމުގައި ވަރަށް ބޮޑު ކަމަށެވެ. ގިނަ އުނދަގޫތައް ދިމާވި ނަމަވެސް އޯލެވެލް ހެދުމަށް ކުރިމަތިލީ މަންމައާއި އިތުރު މީހުންގެވެސް ހިތްވަރާއެކު ކަމަށާއި އެ ހިތްވަރާއެކު ކުރިމަތިލެވުނީމައި މިއަދު އުފާވާ ކަަމަށް ދަލީލާ ފާހަގަކުރެއެވެ.
ފިލާވަޅުތައް މުތޯލިޔާކުރި ގޮތް ކިޔައިދެމުން ދަލީލާ ބުނީ އޭނާ ފިލާވަޅުތައް ދަސްކުރަނީ ޓިއުޝަނަށް ގޮސްގެން ކަމަށާއި އެހެންނަމަވެސް އިސްލާމް ކަހަލަ މާއްދާތައް ރިކޯޑުކޮށްގެން ޖަހައިގެން ވެސް ދަސްކުރި ކަމަށެވެ. ކެމިސްްޓްރީ ކަހަލަ މާއްދާތަކަށް ޓިއުޝަނަށް ނެގި ދަލީލާ ފާހަގަކުރާ ގޮތުގައި އެފަދަ މާއްދާތަކަކީ ކުރެހުންތަކަށް ހުންނަ މާއްދާތައް ކަމުން ހުރިހާ ކުދިންނާއެކު ކްލާހުގައި ކިޔަވަދޭއިރު އުނދަގޫވެއެވެ. އަދި ބަޔޮލޮޖީ އަކީ ދަލީލާ ވަރަށް ކިޔަވާ ހިތުން ކިޔެވި މާއްދާއަކަށް ވާއިރު އެ މާއްދާގެ ނަތީޖާތައްވެސް ރަނގަޅެވެ. އެހެންނަމަވެސް ބަޔޮލޮޖީ ދޫކޮށްލަން ޖެހުމަކީ ވަރަށް އުނދަގޫވި ކަމެއްް ކަމަށް ދަލީލާ ފާހަގަކުރިއެވެ.
މިފަދަ ދަރިވަރުން މީގެ ކުރިން ދިވެހި އަދި އިސްލާމް މާއްދާ، އެސްއެސްސީ އިމްތިހާނުގައި ހަދާފައި ވީ ނަމަވެސް އޯލެވެލްގެ އިތުރު މާއްދާތައް ރާއްޖޭގައި ހެދި ފުރަތަމަ ދަރިވަރަކީ ވެސް ދަލީލާއެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ސަބަބަކީ ލޮލަށް ނުފެންނާތީ އިމްތިހާނު ހެދޭނީ އިތުރު މީހެއްގެ އެހީތެރިކަމާއެކު ކަމަށް ވާއިރު އެ އެހީތެރިކަމާއި ކިޔައިދީގެން ކުރެހުން ހުންނަ މާއްދާތަކުގެ ޕޭޕަރު ހެދުމަށް އިތުރު ވަގުތު ބޭނުންވި ކަމަށް ބުންޏެވެ. ދަލީލާ ބުނީ މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ ހުރިހާ ކަމަށްވެސް ހަމަޖެހުނު ކަމަށެވެ.
އުންމީދަކީ ސައިކޮލޮޖިސްޓަކަށް ވުން
ކިޔެވުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ އޯލެވެލް އާ ހިސާބަށް ކޮންމެ ކުއްޖަކު ވެސް ދަތުރު ކުރާ އިރު އިތުރަށް ކިޔަވާނެ ދާއިރާއެއް ކަނޑައަޅައެވެ. އެހެން ކުދިންނެކޭ އެއްފަދައިން ދަލީލާވެސް ދެކޭ ހުވަފެންތަކެއް ވެއެވެ. ދަލީލާ ބުނީ އޭނާ ކުރިއަށް ދާން ބޭނުމީ ސައިކޮލޮޖީގެ ދާއިރާއިން ކަމަށާއި ކުރިއަށް އޮތްތާނގައި ސައިކޮލޮޖިސްޓަކަށް ވުމުގެ ހުވަފެންތައް ދެކޭ ކަމަށެވެ. އަދި އެ ދާއިރާއިން ކުރިއަށް ގޮސް، ކޮންމެ ލޯފަން ކުއްޖަކަށްވެސް ކިޔެވޭނެ ކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.
މިހާ ހިސާބަށް އައިއިރު ދަލީލާއަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައި ވާއިރު އޭނާ ވަނީ އޭނާގެ މައިންބަފައިންނަށާއި ޓިއުޝަން ޓީޗަރުންނަށާއި ސްކޫލުގެ ހުރިހާ ޓީޗަރުގެ އިތުރުން އާއިލާ މެންބަރުންނަށާއި ރައްޓެހިން އަދި އޯލެވެލްގައި ޓެސްޓު ޕޭޕަރު ހެދުމުގައި އެހީތެރިވެދިން ހައްވާ ޝިފްލާގެ ނަން ފާހަގަކޮށް ލިބުނު އެހީއަށް ޝުކުރު އަދާކޮށްފައެވެ.
ލޯފަން ކުދިންނަށް ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަމަށާއި އެ ފުރުސަތު ތަނަވަސްކޮށްދޭން ދަލީލާ އެދެއެވެ.
ދަލީލާގެ މަންމަ ސަމީމާ އާދަމް "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ އެންމެ ކުޑައިރުން ފެށިގެން ކައިރީގައި އިނދެގެން ކިޔަވައި ދޭން މަސައްކަތް ކުރި ކަމަށާއި ގްރޭޑް 1 ގައި އުޅެމުން ދިޔަ އަހަރުވެސް، އަބަދުވެސް ޓެސްޓު ހަދާނެ ގޮތަކާ މެދު ވިސްނާ ސުވާލުކުރަމުން ދިޔަ ކަމަށެވެ.
ސަމީމާ ބުނީ ގްރޭޑް 9 ގައި ދަލީލާ ކިޔަވަން ފެށިފަހުން އޭނާ އޯލެވެލް އަށް ތައްޔާރު ކުރާނެ ގޮތަކާ ގުޅިގެން ޓީޗަރުންވެސް މަޝްވަރާ ކުރަން ފެށި ކަމަށާއި ސްކޫލުގެ ޕްރިންސިޕަލް ކައިރިއަށް ގޮސް އޯލެވެލްގައި ބައިވެރިކުރަން ބޭނުންވާ ވާހަކަ ދެއްކި ކަމަށް ސަމީމާ ބުނެއެވެ. އަދި އެފަދަ ކުއްޖަކު ރާއްޖޭގެ އެއްވެސް ސްކޫލެއްގައި 8 މާއްދާ ކިޔަވަމުން އަންނަ ކަމެއް އެނގިފައި ނުވާ ކަމަށް މިނިސްޓްރީ އިން ބުނި ކަމަށް ޕްރިންސިޕަލްއާ ހަވާލާދީ ސަމީމާ ކިޔައިދިނެވެ.
އޭގެ ފަހުން މިނިސްޓްރީ އިން ގުޅާ ދަލީލާ ދިރިއުޅުމަށް ތައްޔާރު ކުރަން ބ. އަތޮޅު ގައި ހުންނަ ސެންޓަރަކަށް ވެއްދުމަށް ލަފާދިން ނަމަވެސް އެގޮތެއް މަންމަ ބޭނުމެއް ނުވިއެވެ. އަދި ކުރި މަސައްކަތުން ދަލީލާ ދެނެގަތުމަށް މިނިސްޓްރީގެ މީހަކާއި އިސްކަންދަރު ސްކޫލުގެ ޓީޗަރެއް މާކުރަތު ސްކޫލަށް ދިޔަ ކަމަށާއި ޓެސްޓަށް ތައްޔާރުވުމަށް އިތުރު އެއް އަހަރު ގްރޭޑް 9 ގައި ބެހެއްޓުން މުހިއްމު ވާހަކަ ބުނެފައިވުމާއި އެކަމަށް ދަލީލާ ބޭނުންވެފައި ވާތީ ބެހެއްޓީ ކަމަށްވެސް މަންމަ ކިޔައިދިނެވެ.
ދަލީލާ ބޭނުންވި ރޮނގަކުން ކުރިއަށް ގެންދަން އޭނާގެ މަންމަ ކަމަރުބަނދެލާފައި ހުރިއިރު ކިޔެވައި ދެވެން އޮތް މަގު ފަހިކޮށްދޭންވެސް ހުރީ ތައްޔާރަށެވެ. އެފަދަ ކޮންމެ ކުއްޖަކީވެސް ކިޔެވޭނެ ކުއްޖެއް ކަމަށާއި އެކުއްޖަކު ކިޔަވަން މަގު ފަހި ކޮށްދޭން ޖެހޭ ކަމަށް މަންމަ ފާހަގަ ކުރެއެވެ. އަދި ސަމީމާ ބުނީ އިތުރު ހަރަކާތްތަކުގައި ދަލީލާ ކޮންމެވެސް ވަރަކަށް ބައިވެރިވި ކަމަށާއި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ.
ދަލީލާގެ ޝުކުރުގެ ލިސްޓުގައި ގިނަ ބަޔަކު ޝާމިލުކޮށްފައި ވާއިރު އޭގެ އިތުރުން މަންމަ ވަނީ މާކުރަތު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަަހުމަދު ނައީމް އަދި މިހާރުގެ ޕްރިންސިޕަލް އިބްރާހިމް ނަސީމް އަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ޓީޗަރުންގެ ދުލުން ދަލީލާ
އޯލެވެލް އިމްތިހާނުގައި ދަލީލާ ބައިވެރިވި އިމްތިހާނުތައް ކިޔަވައި ދިން ޓީޗަރުންގެ ޝުއޫރުތައް "ދަ ޕްރެސް" އިން ހޯދާފައި ވާއިރު އޭނާގެ ދިވެހި ޓީޗަރު މުހައްމަދު އަލީ ބުނީ ދަލީލާކުރި މަސައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ދަލީލާގެ މަންމައަށް ކަމަށާއި އޯލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއެއް ހެދުމަށް ބައިވެރި ނުކުރެވުނީ ދަލީލާއަކީ ތަފާތު ކުއްޖެއް ނަމަވެސް އޭނާ ޓެސްޓު ކުރެވޭނެ ތަފާތު ގޮތެއް، މިންގަނޑެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ.
ދަލީލާ އެކަކުން 10 އަކަށް ދިޔައިރު އޭނާއަށް ޓެސްޓު ދެނީ ވަކިން ތަނެއްގައި ބައިންދައިގެން ކަމަށާއި 10 އަށް ދިޔައިރު ވެސް ދަލީލާއަށް ޓެސްޓު ޕޭޕަރު ދެނީ ޕްރެކްޓިކަލް އަދި ކުރެހުން ބައިތައް ކަނޑާލާފައި ކަމަށް މުހައްމަދު ވަނީ ފާހަގަކޮށްފައެވެ. މުހައްމަދު ބުނީ ދިވެހި ގަޑީގައި ކިޔަވަދެނީ ހުރިހާ ކުދިންނާ އެކުގައި ކަމަށްވީ ނަމަވެސް އެހެން ކުދިންނާ އަޅާ ބަލާ، ދަލީލާއަކީ މޮޅު ކުއްޖެއް ކަަމަށެވެ. އަދި ދަލީލާގެ ޝައުގުވެރިކަން ވަރަށް ބޮޑުކަމަށް އޭނާ ފާހަގަ ކުރާ އިރު އޭނާއަކީ ކިޔެވުމަށް ފޫހިނުވާ ދަރިވަރެއް ކަމަށް ވަނީ ބުނެފައެވެ.
އޯލެވެލް އިމްތިހާނު ކުރިއަށް ގެންދިޔަގޮތަށް ކިޔަދެމުން މުހައްމަދު ބުނީ ދަލީލާ ޓެސްޓުު ޕޭޕަރު ހަދަމުން ދާ ވަގުތު އޯޑިއޯ އަދި ވީޑިއޯ، މިނިސްޓްރީ އަށް ފޮނުވާ ކަމަށެވެ.
ދަލީލާގެ އިސްލާމް ޓީޗަރު މޫސާ ޝާމިލް ބުނީ ދަލީލާ ކަހަލަ ކުއްްޖަކު ރަނގަޅު ނަތީޖާއެއް ހާސިލް ކުރީތީ އަދި ކިޔަވަދިނުމުގެ ފުރުސަތު ލިބުނީތީ އުފާވާ ކަމަށާއި އޭނާއަކީ ވަރަށް ހިތްވަރު ގަދަ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ. އަދި ކިޔަވަދިނުމުގެ ތެރެއިން ދަލީލާއަށް އެއްޗެހި ސިފަކޮށްދޭން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރި ކަމަށާއި ދަލީލާއަށް ކިޔަވަދިނުމުގައި މާ ބޮޑު ތަފާތެއް، އުނދަގުލެއް ފާހަގަ ނުވާ ކަމަށް ޝާމިލް ބުނެއެވެ. އަދި އަމިއްލައަށް ސުވާލުކޮށް އޮޅުން ފިލުވަން މަސައްކަތް ކުރާ ކުއްޖެއްގެ ގޮތުގައި ޝާމިލް، ދަލީލާ ސިފަކުރާ އިރު ގްރޫޕު މަސައްކަތްތަކުގައިވެސް ދަލީލާގެ ފަރާތުން ވަރަށް ބައިވެރިވުން އޮންނަ ކަމަށް އޭނާ ބުނެއެވެ.
ގްރޭޑް 10 ގެ ލީޑިން ޓީޗަރު އިތުރުން ދަލީލާއަށް ބިޒްނަސް ކިޔަވަދިން އާމިނަތު ގުރައިޝާ ބުނީ ދަލީލާއަކީ އިލްމު އުނގެނުމަށް ހިތްވަރާއެކު މަސައްކަތް ކުރި ދަރިވަރެއް ކަމަށާއި އުނގެނުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ދުވަހަކުވެސް އުންމީދު ކަނޑާލާ މާޔޫސް ނުވާ ކަމަށެވެ. އަދި ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ދަލީލާއަކީ އިސްނެގުމާއި އިސްވެ އުޅުމުގައިވެސް ވަރަށް ފުރިހަމަ ނަމޫނާ ދަރިވަރެއް ކަމަށާއި މުސްތަގުބަލުގައި މިއަށް ވުރެ ވެސް ފުރިހަމަ އިތުރު ކާމިޔާބީތައް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.
ކެމިސްޓްރީ ކިޔަވަދިން ޕްރިންސީ އަކީ ގިނަ ދުވަސްތަކެއް ވަންދެން ދަލީލާއަށް ޓިއުޝަންވެސް ނަގައިދީފައިވާ ޓީޗަރެކެވެ. ޕްރިންސީ ބުނީ ދަލީލާ އަކީ ތަފާތު ކުޅަދާނަ ކުއްޖެއް ކަމަށާއި ވަރަށް އަޒުމް ވަރުގަދަ ދަރިވަރެއް ކަމަށެވެ. ޕްރިންސީ ގްރޭޑް 6 އިން ފެށިގެން ދަލީލާއަށް ކިޔަވަދެމުން އައި އިރު ދަލީލާއަކީ ކިޔަވާ އެހެންކުދިންނަށް ވެސް އެހީތެރިވާން އަބަދުވެސް ތައްޔާރަށް ހުންނަ ދަރިވަރެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.
ކެމިސްޓްރީ މާއްދާގެ ކޮންސެޕްޓްތައް ދަސްކޮށްދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މަސައްކަތާއި އެނާގެ ހިތްވަރުން އެކަން ވަރަށް ފަސޭހަވެގެން ދިޔަ ކަމަށް ޕްރިންސީ ބުންޏެވެ.
ދަލީލާގެ އިނގިރޭސި ޓީޗަރު ސީމާ ބުނީ ދަލީލާއަކީ ހިތްވަރު ދޫނުކޮށް ކޮންމެ ކަމަކީވެސް ވާނެ ކަމެއްކަން ދައްކުވައިދިން ދަރިވަރެއް ކަމަށާއި އޭނާއަށް ކިޔަވައިދިނުމުގައި ހޭދަކުރި ތިން އަހަރަކީ ފަހުރުވެރިވާ ތިން އަހަރު ކަމަށެވެ. އަބަދުވެސް އެހެންކުދިންނަށް މިސާލެއްގެ ގޮތުގައި ވެސް ދަލީލާގެ ވާހަކަ ކިޔައިދޭ ކަމަށާއި ދަލީލާއަކީ ކޮންމެ ވަގުތެއްގައިވެސް ވަރުބަލި ކަމެއް ނެތި ކިޔަވަން ތައްޔާރަށް ހުރި ދަރިވަރެއްގެ ކަމަށް ސީމާ ބުނެއެވެ. ސީމާ ބުނީ ހިތްވަރެއް ހުރިއްޔާ ކާމިޔާބު ލިބޭނެ ކަމަށާއި ކޮންމެ ކަމެއްވެސް ވާނެކަން ދަލީލާ ސާބިތުކޮށްދީފި ކަމަށެވެ.
ދަލީލާއަށް އޯލެވެލް އިމްތިހާނުގައި އެހީތެރިކަން ފޯރުކޮށްދިން އޭނާގެ ޓިއުޝަން ޓީޗަރު ހައްވާ ޝިފްލާ ބުނީ އޭނާއަށް 2 އަހަރު ޓިއުޝަން ނަގައިދިން ކަމަށާއި ކިޔައިދޭން ވަރަށް ފަސޭހަ ކަމަށެވެ. ދިމާވި ހަމައެކަނި އުނދަގުލަކީ ކުރެހުންތައް ކިޔައިދިނުން ކަމަށާއި އެހެންނަމަވެސް ކެމިސްޓްރީ ކަހަލަ މާއްދާއަކުންވެސް އެފަދަ ކާމިޔާބީއެއް ހޯދީތީ އުފާކުރާ ކަަމަށް ޝިފްލާ ބުންޏެވެ.
އާބާދީގެ ގޮތުން ކުޑަ ނަމަވެސް މާކުރަތު ސްކޫލުގައި 244 ދަރިވަރަކު އަންނަނީ ތައުލީމު ހާސިލް ކުރަމުންނެވެ. 10 އަަކާ ހިސާބަށް ކިޔެވުމުގެ ފުރުސަތު އެ ސްކޫލުގައި އޮތްއިރު ދަލީލާ ކިޔެވިއިރު ސެން ޓީޗަރެއް އެ ސްކޫލުގައި ހުއްޓެވެ. އެހެންނަމަވެސް ސެން ޓީޗަރުންނަކީ އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދެމުން އަންނަ ބަޔަކަށް ވާއިރު ދަލީލާ ފަދަ ދަރިވަރުންނަށް ކިޔަވައި ދެވޭނެ އެކަށޭނަ ޓީޗަރުވެސް އެ ސްކޫލުގައި އެބަ ތިއްބެވެ.
ތިޔަ ދަރިވަރު އަޒުހަރު ޔުނިވަރސިޓީ ފަދަ ތަނަކަށް ޚަރަދެއް ކޮށްގެންވެސް ފޮނުވަން ރަނގަޅު.