ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަބްރޫކް ވަނީ އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މިވަގުތު މަބްރޫކް ހުންނެވީ ބެންކޮކްގައި ކަމަށް މައުޅުމާތު ލިބެއެވެ.
މިކަމާ ގުޅިގެން މަބްރޫކްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާޏެއްގެ މަގާމުގައި މަބްރޫކް ހުންނެވުމަށް ފަހު އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ މި ވެރިކަމުގެ ބާކީ އަހަރަކާއި ދެމަސް އޮއްވައެވެ. މަބްރޫކް މީގެ ކުރިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ކަމަށް ވާނަމަ އެމަނިކުފާނާ އެކުގައި ކެމްޕެއިންގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަގާމޫން އިސްތިއުފާ ދެއްވި އިރު މަބްޜޫކް ހުންނެވީ ޗުއްޓީއެއްގައި އޭނާގެ އަނބިކަނބަލުން ކައިރިއަށް ވަޑައިގެންނެވެ. މަބްރޫކް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ބެންކޮކް މީހަކާއެކެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި މަބްރޫކް، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގައެވެ. އެކަން ރައީސް އޮފީހުން އިއުލާނު ކުރީ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. އޭގެ ކުރިން މަބްރުކް ހުންނެވީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން އުފެއްދި ހެލްތް އެމްޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ މަގާމުގައެވެ.