ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ވ. އާރަށުގެ މައްސަލައިގައި ހެކިތައް ހޯދި އައިފޯނުތަކުން ޑޭޓާ ހޯދުމަށް ދިވެހި ފުލުހުން އެދުނީ 6 އަހަރު ފަހުން ކަމަށް ޑޭޓާ އެކްސްޓްރެކްޓް ކުރި އިނގިރޭސިވިލާތުގެ ޑިޖިޓަލް ފޮރެންސިކް އެނަލިސްޓު ބުނެފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ހެކި ހޯދި ތިން އައިފޯނު ތަހުލީލު ކުރި އިނގިރޭސިވިލާތުގެ ފަރަޑޭ ފޮރެންސިކްސް ކުންފުނީގެ ޑިޖިޓަލް ފޮރެންސިކް އެގްޒަމިނާ މާކް އެންޑްރޫ ރިގްބީގެ ހެކިބަސް ނަގާފައެވެ. ދައުލަތުން އޭނާ ހަބީރެއްގެ ގޮތުގައި ހުށަހެޅީ އޭނާ ތަހުލީލު ކުރި ފޯނުތަކުން ހޯދި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އޭނާގެ ހެކިބަސް ނެގީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އޭނާ ހާޒިރުކޮށްގެން އޮންލައިން ކޮންނެވެ. އަދި އޭނާ ވާހަކަ ދެއްކީ ކޯޓުން ހަމަޖެއްސި ތަރުޖަމާނެއްގެ އެހީގައެވެ.
ދައުލަތުގެ ވަކީލު ކުރައްވަމުން ގެންދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިގްބީ ބުނީ، ފޯނުން ހޯދި ޑޭޓާ މެނިޕިއުލޭޓު ނުވަތަ ބަދަލު ކުރުމުގެ އެއްވެސް މައްސަލައެއް ފާހަަގަ ނުކުރެވޭ ކަމަށެވެ. އެގޮތުން، އެ ޑޭޓާތަކުގެ ސައްހަކަން ކަށަވަރު ކުރަން ކޮންމެ އެއްޗަކަށް ޖެނެރޭޓު ކުރާ "ހޭޝް ވެލިއު" އަށް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ދިފާއަށް ސުވާލު ކުރަން ދިން ފުރުސަތުގައި ސުވާލު ކުރީ ޔާމީންގެ ވަކީލު އާދަމް ޝަމީމެވެ. އެގޮތުން ފަރަޑޭ ފޮރެންސިކްސްއަށް އެ ފޯނުތައް ލިބުނު ގޮތާއި އޭގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން ޝަމީމް ސުވާލު ކުރެއްވުމުން ރިގްބީ ބުނީ، އެ ފޯނުތައް ފަރަޑޭ ފޮރެންސިކްސްއާ ހިސާބަށް ލިބުމާ ހިސާބުން ފެށިގެން ހަވާލު ކުރުމާ ހަމައަށް އޭގެ ޗެއިން އޮފް ކަސްޓަޑީއެއް ހަދާފައި އޮންނާނެ ކަމަށެވެ. އެގޮތުން އެ ފޯނުތައް ލިބުނީ އެތީނާ އިންޓެލިޖެންްސްގެ ސައިމަން އެޓްކިންސަން ކިޔާ މީހެއްގެ އަތުން ކަމަށާއި އޭގެ އަސްލު ވެރިފަރާތެއް އޭނާއަކަށް ނޭނގޭ ކަމަށް ރިގްބީ ބުނެއެވެ. އެޓްކިންސަން އެ މަސައްކަތް ހަވާލު ކުރީ، ގާނޫނީ ބޭނުނުމަށް އިނގިރޭސިވިލާތުގެ ލޯޔަރުން ވެސް އެކި އެއްޗެހި ހަވާލުކުރާ ފަދައިން ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު އެ ފޯނުތަކަކީ ރާއްޖެއިން ބޭރުން ލިބުނު ފޯނުތަކެއް ކަމުގެ އިތުރަށް އެޓްކިންސަން އެ ފޯނުތަކާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ރިގްބީ ތަހުލީލުކޮށް ތައްޔާރު ކުރި ރިޕޯޓުތަކާއި ހުރިހާ ލިޔުންތައް ހަވާލު ކުރީ އެޓްކިންސަންއާ ކަމަށާއި އަދި އޭނާ އޭރު ދިވެހި ފުލުހުންނާ ސީދާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށް ބުނެއެވެ. ހަމައެއާއެކު ފޯނުން ހޯދި އޮރިޖިނަަލް ޑޭޓާ ޑަމްޕްތައް އެޓްކިންސަންއަށް ނުދޭ ކަމަށާއި އެ އޮރިޖިނަލް ޑަމްޕްތައް ދިނީ ދިވެހި ފުލުހުންނަށް ކަމަށް ރިގްބީ ބުނެފައި ވެއެވެ. އެކަމާ ގުޅިގެން ދިފާއުން ސުވާލު އުފެއްދުމުން އޭނާ ބުނީ، ތަކެތި ހަވާލު ކުރީ ދިވެހި ފުލުހުންގެ ރިކުއެސްޓަކާ ގުޅިގެން ކަމަށެވެ. އެކްސްޓްރެކްޓު ކުރި އެއްޗެހި ހޯދަން ދިވެހި ފުލުހުން އެދުނީ ހަ އަހަރު ފަހުން ކަމަށް ވެސް އޭނާ ބުނެއެވެ.
ފޯނުން މައުލޫމާތު އެކްސްޓްރެކްޓް ކުރުމުގެ ތެރޭގައި މެސެޖުތަކެއް ނުވަތަ ކޮންވަޒޭޝަންއެއް ހޯދުނުތޯ ޝަމީމް ސުވާލު ކުރެއްވުމުން ހެކިވެރިޔާ ބުނީ، މަދުވެގެން އެއް ފޯނުން ޓެކްސްޓް މެސެޖު މެދުވެރިކޮށް ދައްކާފައި ހުރި ވާހަކަތަކެއް ހޯދުނު ކަމަށެވެ. އެހެން ބުނުމުން، ޝަމީމް ދެން އެއްސެވީ އެތަނުން އެއްވެސް ކޮންވަޒޭޝަނެއްގައި އާރަށު މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ހުރިތޯއެވެ.އެ ސުވާލާ ގުޅިގެން ދައުލަތުން އިއުތިރާޒެއް ނަގައި ބުނީ، ހެކިވެރިޔާއަކީ ޑޭޓާ އެކްސްޓްރެކްޓު ކުރި މީހާ ކަމަށާއި އޭނާ އަކީ ޑޭޓާ އެނަލައިޒްކޮށް ހެކި ހުރިތޯ ބެލި މީހެއް ނޫން ކަމަށެވެ. ދައުލަތުގެ އިއުތިރާޒު އިސް ގާޒީ އަހުމަދު ޝަކީލް ގަބޫލުކުރެއްވުމުން ޝަމީމްގެ ސުވާލުތައް ވަނީ ނިންމަވާ ލައްވާފައެވެ.
ރިގްބީ ބުނިގޮތުގައި އޭނާ އަކީ ހާޑްޑްރައިވްތަކާއި ޕެންޑްރައިވް އަދި ފޯނު ފަދަ އިލެކްޓްރޯނިކް އާލާތްތަކުން ޑޭޓާ ރިކަވާ ކުރާ މީހެކެވެ. އޭނާ އަކީ އެ ދާއިރާގައި 19 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެކެވެ. އަދި އެ ދާއިރާއިން ހާސިލުކޮށްފައި ހުރި ތަޖުރިބާއާއި ތައުލީމު ވެސް ވަނީ ހާސިލް ކޮށްފައެވެ.