އޯޓިޒަމް ހުންނަ ކުއްޖަކަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމްގައި ބުލީ ކޮށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކްލާސްރޫމުގެ ތެރޭގައި ފިރިހެން ކުއްޖަކު އޯޑިޒަމް ހުންނަ އެހެން ފިރިހެން ކުއްޖަކަށް ބުލީ ކުރާ މަންޒަރު ފެނެއެވެ. އަދި ފޮތުން ޖަހާ އަނިޔާ ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ރައްދުގައި ދިފާއުވުމަށް އޯޓިޒަމް ދަރިވަރުގެ ވެސް ހަމަލާ ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަށް ބުލީކޮށް އަނިޔާކޮށްފައި ވަނީ ޓީޗަރު ކުރިމަތީގައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެމައްސަލަ މިނިސްޓްރީ ސަމާޅު ކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެ ސްކޫލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިއަހަރު މެއި މަހުގެ ތެރޭގައި ށ. މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކު ވަލަށް ވައްދާ އެ ކުއްޖާއަށް އެ ރަށު އެހެން ކުދި ބަޔަކު ބުލީކޮށް އަނިޔާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެކުއްޖާއަށް ބުޅީ ކޮށް އަނިޔާ ކުރި މަންޒަރު ވިޑީއޯކޮށްފައިވާ އިރު އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އެ ވީޑީއޯއިން ފެންނަނީ އެ ރަށު ބޯޅަދަނޑު ހުންނަ ސަރަހައްދުން ވަލުތެރެއަށް ކުއްޖަކު ގެންގޮސް ގޮފިގަނޑަކުން އެ ކުއްޖާ ގައިގާ ތަޅާ މަންޒަރެވެ. އެ ވަގުތު އެ މަންޒަރު ބަލަން އެ ސަރަހައްދުގައި އެ ރަށުގެ ބޮޑެތި މީހުންނާއި ކުޑަކުދިން ތިބ އިރު އެ ކުއްޖާއަށް އެހީވާން އެކަކުވެސް ގާތް ނުވެއެވެ.