ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރީ ސަލްމާން މިސްކިތަށް އަރާ ހުރުމަތް ކެނޑި މީހާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މީހާއަކީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑު ގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހެކެވެ.

ހައްޔަރު ކުރި އެމީހާ އަކީ 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައި ވަނީ އެ މީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއް ކަމަށް ވާތީކަމަށް ބުނެއެވެ.

ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އަލީ ސޯލިހު ސައިކަލުގައި ދަނިކޮށް އޭނާގެ ކައިރިއަށް ޖެހި ކަރުގައި ކަޓަރު އަޅަން މީހަކު މަސައްކަތްކުރި ނަމަވެސް އެ މީހާ ކަޓަރު ނެގުމާއެކު އަލީ ސޯލިހު ސައިކަލް ދުއްވަން ހިފާލުމުން އޭނާގެ އަތުގައި ވަނީ ކަޓަރުއެޅިފައެވެ.

އަލީ ސޯލިހަށް ލިބުނު އަނިޔާ

މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުކުރު ވަގުތު އައިއެސްގެ ލޯގޯ ޖެހި ޖުއްބާ އެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އެ މީހާ އަރާފައި ވާއިރު ފާތިހާ ސޫރަތް ކިޔަވައި ހަދާފައިވެއެވެ.