މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ހައިކޯޓުން ބާތިލްކޮށްފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުނި ނަމަވެސް އެ ސިޓީގައި އެގޮތަށް ބުނެފާ ނެތް ކަމަށާއި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށެވެ.
ކޯޓުން އިތުރަށް ބުނީ ބޭންކިން ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް އޮތް ނަމަވެސް އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތުތައް ނުބެލޭނެ ކަމަށެވެ. އެކަން އެހެން ހުރުމާއެކު އެއީ ހެކެއް ކަމަށް ނުބަލަން ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ދައުލަތުގެ ފަރާތުން މި މައްސަލައާ ގުޅިގެން އިސްތިއުނާފުކުރުމުން ހައި ކޯޓުން ނިންމީ ހެކި ހޯދަން ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ގާނޫނާ ހިލާފަށް ކަމަށް އެނގެން ނެތް ކަމަށާއި ހުކުމުގައި ވަނީ ބޭންކިން ގާނޫނުގައި ބުނާ "ކަސްޓަމަރުންގެ އެކައުންޓްތަކާއި ބެހޭ އެއްވެސް މައުލޫމާތެއް" ގެ މާނައިގެ ތެރޭގައި އެކައުންޓް ސްޓޭޓް މަންޓް ނުހިމެނޭ ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ބޭންކް ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައިގަތުމަށް އަމުރުކޮށްފައެވެ.