ސިޔާސަތުތައް އެކަަށައެޅުމާއި ހިންގުމުގައި ރަނގަޅު އިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި، ގައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ، "ތެވެލި އިންޓާނޭޝަނަލް ކޮންފަރެންސް 2022" އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަގައެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި، ގައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ނައިބުގެ ވާހަކަގައި ވަނީ، ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި، އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ، ކަމެއްކަންވެސް ނައިބު ފާހަގަކުރެއްވިއެވެ.

ނައިބު އިތުރަށް ވިދާޅުވީ، ފަގީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށެވެ. އަދި އިގްތިސާދު ހަރުދަނާވެ ސިނާއަތްތައް ކުރި އެރުމާއި، މުޖުތަމައު ބިނާކުރުމަށް ވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމަށް ނައިބު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަ ކުރިޔަށް ގެންދަވަމުން، ނައިބު ވިދާޅުވީ، ދިރާސާ އަކާއި ނުލައި ތަރައްގީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތް ކަމަށެވެ. އަދި ގައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ވެސް، އިލްމީ ދިރާސާތައް ކަމުގައި ނައިބު ވިދާޅުވިއެވެ. ނައިބު ވިދާޅުވީ، ޒަމާނީ އައުހޯދުންތަކާއި އީޖާދުތަކަށް މުޖުތަމައު ވާސިލްކޮށްދެނީ ދިރާސާތަކުން ކަމަށެވެ.

ނައިބު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުން ވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އަހާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްގީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ނައިބު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން މިކޮންފަރެސް ބާއްވަމުން އަންނަތާ މިއީ 5 ވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ އޮގަސްޓް 22 އިން 23އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައެވެ.