ހުކުރު ދުވަހުގެ ރޭ ފެށި އެމްޑީޕީ ކޮންގްރެސް މިއަދު ނިންމާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މާނަފުން ޅެން ބައިތަކުންނެވެ.
މިއަދުގެ ޅެންބައިތުގައި ރައީސް އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ނުތަނަވަސް ކަމާއި، ހާއްސަކޮށް ކޮންގްރެސް ތެރޭގައި ވެސް އެ ނުތަނަވަސްކަން ބޮޑުވެގެން ދިޔަ ނަމަވެސް، ކޮންގްރެސް ނިމިގެން ދިޔައީ ޕާޓީގެ އެންމެހާ މެންބަރުންގެ ހިތަށް ފިނިކަން ގެނެސްދީފައި ކަމަށެވެ. ރައީސް އިޝާރާތް ކުރެއްވި ނުތަނަވަސް ކަމަކީ، އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދި ފުޅާވަމުން ދިޔަ ހިޔާލުތަފާތުވުމުގައި ޕާޓީގެ މެންބަރުން ދެބައިވެ އެއްބަޔަކު ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަމުން ދިޔަ އިރު އަމެއް ބަޔަކު އެކަމަށް ދޫނުދީ ތިބި ތިބުމާއެކު އޮތް ނުތަނަވަސް ކަމެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ގެންނަން ބޭނުންފުޅުވީ ރައީސް ނަޝީދެކެވެ. އެމަގަށް މަސައްކަތް ކުރުމަށް އަމަނިކުުފާނު އޮތީ ކޮންގްރެސްއަށް ގަރާރެއްވެސް ހުށަހަޅުއްވާފައެވެ. މިއަދުގެ ކޮންގްރެސް ނިމުމާ ހަމައަށްވެސް ގަރާރު އޮތެވެ. ނަމަވެސް މިއަދުގެ މެންދުރު ފަހުގެ ދަންފަޅީގައި ދެ ރައީސުން ކުރެއްވި މަޝްވަރާއާއި ލީޑާޝިޕްގެ އެހެން ބޭފުޅުންގެ ލަފަޔާވެސް އެކު، ރައީސް ނަޝީދު ގަރާރު ހުށަހެޅުއްވުން ފަސްކުރައްވައި ގޮތް ދޫކުރެއްވިއެވެ.
ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރާ ގުޅިގެން އެމްޑީޕީ ދެ ފެކްޝަނަކަށް ބެހުނު ނަމަވެސް ބަރުލަމާނީއަށް މާ ބޮޑު ތާއީދެއް ނެތްކަން ކޮންގްރެސްއިން ހާމެވެގެން ދިޔުމާއެކު ކޮންގްރެސް ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މެންދުރުގެ އަވިގަދަ ވަގުތުގައި ކޮންމެ ފަދަ ހޫނެއް ވިޔަސް، ކޮންމެ މެންދުރުފަހެއްގައި ހަވީރުގެ ފިނިކަން އަންނަ ކަމަށެވެ.
ރައީސް ސޯލިހު މިއަދު ޅެންބައިތަކީ މުނާސަބު އެކަމާ ގުޅުވާ ވިދާޅުވި ބައިތެކެވެ. ރައީސް ސޯލިހު މީގެ ކުރިންވެސް އެ ޅެން ބައިތު ވިދާޅުވެފައި ވާއިރު އެ ފަހަރު އެ ޅެން ބައިތު ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުގައެވެ.