މިހާރު އެމްޑީޕީއިން ކުރިއަށްގެންދާ އެ ޕާޓީގެ ކޮންގްރެސް ގައި ވޯޓުލުން ހާމަކޮށްގެން ކުރިއަށް ގެންދަށް އެ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރެސްގައި ނަގާނީ ސިއްރު ވޯޓު ކަމަށް ވީ ނަމަވެސް ކޮންގްރެސްގައި މިއަދު ނަގާ ހުރިހާ ވޯޓެއް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ވަނީ ވޯޓެއް ނަގާފައެވެ. އެ ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުގައި 776 މެންބަރަކު ވަނީ އެ ވޯޓު ހާމަކުރުމަށް ވޯޓުދެއްވާފައެވެ. އަދި 257 މެމްބަރުން ވޯޓު ދެއްވީ ސިއްރު ވޯޓެއް ކުރިޔަށް ގެންދިޔުމަށެވެ.

އެގޮތަށް އެކަން ފާސްވުމާ ގުޅިގެން އަސާސީ ގަވައިދަށް ހުށަހަޅާފައިވާ ހުރިހާ އިސްލާހުތަކާއި އެ ކޮންގްރެސްގައި ހުށަހަޅާ އެހެން މައްސަލަތަކަށް ވެސް ވޯޓު ލެވޭނީ އެނގޭ ގޮތަށެވެ.

ހުކުރު ދުވަހުގެ ރޭ ފެށި އެމްޑީޕީ ކޮންގްރެސްގައި އަސާސީ ގަވައިދަށް އިސްލާހުތައް ހުށަހެޅުމާއި ބަހުސް ކުރުން މިއަދުގެ ސެޝަންތަކުގައި ކުރިއަށް ގެންދިޔައިރު މިއަދު ހެނދުނުގެ ސެޝަންގައި ގަވައިދާ ހިލާފަށް ގޮފިތައް އުފައްދައިގެން އެމްޑީޕީގެ ކޮންގްރެސްގައި މަންދޫބުން ބައިވެރިވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން ކޮންގްރެސް ހޫނުވިއެވެ.