މިދިޔަ ބުރާސްފަތި ދުވަހު ގދ. ރަތަފަންދޫގައި ގޭސް ފުޅި އެއް ގޮވުމުގެ ސަބަބުން ފިހުނު އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ގޭސް ފުޅި ގޮވުމުގެ ސަބަބުން އަނިޔާވީ އުމުރުން 53 އަހަރުގެ އާމިނަތު އަބްދުލްހަމީދަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެފައި ހުއްޓާ އޭނާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ގޭސް ފުޅި ގޮވައި، ހަށިގަނޑުގައި ހުޅު ހިފައިގެންނެވެ.

އެ ހާދިސާ ހިނގުމާ އެކު، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އާމިނަތަށް ވަނީ ފަރުވާ ދީފައެވެ. އެ ހޮސްޕިޓަލުން ބައެއް މީޑިއާ އަށް ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ވަނީ ފިހިފައެވެ.

އޭނާގެ ހާލު ގޯސްވުމުން މާލެ އަށް ގެނެސް އެ ދުވަހު އޭނާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފައެވެ.

ނަމަވެސް، ހާލު ގޯސްވެ، ރޭ ފަތިހުގެ ވަގުތެއްގައި އާމިނަތު ވަނީ ނިޔާވެފައެވެ.