އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ސެނެޓުން ނިންމާފައި ވާ ގޮތަށް، މިރޭ ރިޔާސީ ޓިކެޓް ޔާމީނާ ރަސްމީކޮށް ހަވާލު ކޮށްފިއެވެ.

ރިޔާސީ ޓިކެޓް، ރައީސް ޔާމީނާ ހަވާލު ކުރި، މިރޭ ކާނިވާ ސްޓޭޖް ސަރަހައްދުގައި މިހާރު ކުރިއަށް ދާ ޕީޕީއެމްގެ ބޮޑު ޖަލްސާގައި، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޕީޕީއެމްގެ މެންބަރުން ތަމްސީލު ކުރީ ކޮންމެ ރަށަކުން މަންދޫބަކު ހިމެނޭ ގޮތުން ބޮޑު ކޮންޓިންޖެންޓަކުންނެވެ.

ޕީޕީއެމްގެ މިރޭގެ ޖަލްސާ އަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ސްޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމާއެކު އެމަނިކުފާނު ބައިވެރިވަޑައިގަންނަވާ އެންމެ ބޮޑު ޖަލްސާއެވެ. މިރޭގެ ޖަލްސާއަށް ކާނިވަލްގެ ސްޓޭޖް ސަރަހައްދު ފުރި އަދި ގިނަ ބަޔަކު ކޮޅަށް ތިބި އިރު، އަންދާޒާ ކުރެވެނީ 3000 އެއްހާ މީހުން ޖަލްސާގައި ބައިވެރިވަމުން ގެންދާ ކަމަށެވެ.

ރައީސް ޔާމީން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ބޭއްވި ހަފްލާއަށް މެންބަރުން ހާޒިރުވެފައި

ކާނިވާ ސްޓޭޖް ސަރަހައްދަކީ ޖާގައިގެ ގޮތުން 2500 ގޮނޑި ޖެހޭ ވަރުގެ ސަރަހައްދެކެވެ. އެހެން ޖަލްސާތަކެކޭ އެއްގޮތަށް މިރޭވެސް ގޮނޑި ޖަހާފައި ވާއިރު، ގޮނޑި ނުލިބި ކޮޅަށް ތިބި މީހުންގެ ތެރޭގައި 500 އެއްހާ މީހުން ތިބިކަމަށް ގަބޫލު ކުރެވެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ޕީޕީއެމް ތަމްސީލު ކުރާ ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކުން މަންދޫބަކާއި، ޕީޕީއެމްގެ ލީޑަޝިޕް ސްޓޭޖް މަތިން ޔާމީނާ ޓިކެޓް ހަވާލު ކޮށްދެއްވުމުން އެމަނިކުފާނު ވަނީ ޓިކެޓް ބަލައިގެންފައެވެ.

ރައީސް ޔާމީން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ބޭއްވި ހަފްލާއަށް މެންބަރުން ހާޒިރުވެފައި

އަންނަ ރިޔާސީ އިންތިހާބު އޮންނާނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އިންތިހާބާ ބެހޭ ކަންކަން، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނީ އިންތިހާބަށް 6 މަހަށް ވީމައެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މިހާރުންސުރެ ކެމްޕެއިން ފަށާފައި ވާއިރު ވެރިކަން ކުރާ އެމްޑީޕީން ރިޔަސީ އިންތިހަބުގައި ވާދަކުރާ ކެންޑިޑޭޓް އަދި ނުނިންމައެވެ.

އެމްޑީޕީގެ ކޮންގްރެސް މިރޭ ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށް ދާއިރު، އެ ޕާޓީން ބުނެފައި ވަނީ ރިޔާސީ ޓިކެޓް ލިބޭ މީހެއް ނިންމާނީ، ކޮންގްރެސް އަށް ފަހު ބާއްވާ އެ ޕާޓީގެ ޕްރައިމަރީން ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން ހާމަކުރައްވާފައި ވާއިރު، އެ ދެބޭފުޅުންނަށް ނިސްބަތްވާ އެ ޕާޓީގެ މެންބަރުން ތިބީ ދެ ފެކްޝަނަކަށް ބެހި ފައެވެ.

އެމްޑިޕީއާ ހިލާފަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނީ، 5 އަހަރު ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅަކަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދެވޭ ގޮތަށް އަސާސީ ގަވައިގަށް ގެނައި ބަދަލެއްގެ ދަށުންނެވެ. އަސާސީ ގަވައިދަށް ގެނައި ބަދަލާއި ޓިކެޓް ދޭން ނިންމި ޖަލްސާ ބޭއްވީ އޮގަސްޓް 3، 2022 ގައެވެ.