މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައި ވަނީ ހިންގުމާ ބެހޭ އިސްލާހުތަކެއް ކަމަށާއި، ސިޔާސަތުތަކަށް ބަދަލު އަންނަ އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އާ ގުޅޭގޮތުން ޒުވާނުންގެ މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އަދި ކޮންގްރެސް ކޮމިޓީގެ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، މިރޭ ފަށާ އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރު ކުރެވިފައިވާ މެންބަރުން ކަމަށެވެ.

ހަމަ އެގޮތަށް، އެއް މެންބަރަކު އެއް ގޮތްޕަކަށް ވުރެ އިތުރު ގޮތްޕެއްގައި ނޯންނާނެ ކަމާއި، އެހެންކަމުން މިއަށް ވުރެ ސައްހަ ކޮންގްރެސް އެއް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވާފައިވެއެވެ.

"މިއަށް ވުރެ ސައްހަކޮށް، މިއަށް ވުރެ އަސާސީ ގަވައިދާ އެއްގޮތަށް ބޭއްވޭ ކޮންގްރެސް އެއް ނޯންނާނެ. އެމްޑީޕީގެ މި ކޮންގްރެސްގަ ބައިވެރިވާ ހުރިހާ މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ހިމެނިގެންވާ ބޭފުޅުން، އަނެއްކާ އެންމެ ގިނައިން މި ބައިވެރިވަނީ ގޮފި ރައީސުން."
އިބްރާހީމް ވަހީދު (އިބުރޭ) | ޑެޕިއުޓީ ޗެއާޕާސަން, އެމްޑީޕީ

"ހުރިހާ ގޮތްޕެއްގެ ހިންގާ ކޮމިޓީ، ދާއިރާ އިން، އެ ގޮތްޕެއްގެ ހިންގާ ކޮމިޓީގެ މައުލޫމާތު ދާއިރާއިން ފޮނުވީމަ އަޅުގަނޑުމެން ހުންނާނީ ގަބޫލުކޮޮށްފަ." އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ހުރީ ހިންގުމާ ބެހޭ އިސްލާހުތަކެވެ. ސަބަބަކީ ޕާޓީގެ މިހާރުގެ އަސާސީ ގަވައިދުގައި ހުރި ބައެއް މާއްދާތައް، އެއް މާއްދާ އަނެއް މާއްދާ އާ ފުށޫއަރާތީއެވެ. އޭގެ އިތުރުން ވެސް ޕާޓީގެ ހިންގުމާ ބެހޭ އިސްލާހުތަކަށް ގެންނަން ހުރި ބައެއް އިސްލާހުތަކުގެ ތަފްސީލް އޭނާ ވަނީ ދެއްވައިފައެވެ.

"މިފަހަރު ހުށަހެޅިފަވާ އިސްލާހުގަ އެބަހުރި ޑެޕިއުޓީ ޗެއާޕާސަނުންނަކީ ޗެއާޕާސަން ކަމަށް ހޮވޭ ބޭފުޅަކު ގައުމީ މަޖިލިހުގެ ރުހުމާ އެކު އައްޔަނުކުރާ ފަރާތެއް ގޮތަށް. އެއީ ޑެޕިއުޓީ ޗެއާޕާސަނުން މި ހޮވަނީ ޗެއާޕާސަނަކަށް ޕާޓީ ހިންގުމަށް އެހީތެރިވެ ދިނުމަށް."
އިބްރާހީމް ވަހީދު (އިބުރޭ) | ޑެޕިއުޓީ ޗެއާޕާސަން, އެމްޑީޕީ

ހަމަ އެގޮތަށް އެމްޑީޕީގެ ނައިބު ރައީސް ވެސް އެ ބީދައިން ހޮވުމަށް އިސްލާހު ހުށަހެޅިފައިވާ ކަމަށް، އިބުރޭ ވިދާޅުވިއެވެ.

އެއަށް ފަހު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮންމެ ޑަބްލިއުޑީސީ އަކުން އެއް މެންބަރަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އިސްލާހު ގެނައުން
  • ދާއިރާ ހިންގާ ގޮތަށް ބަދަލު ގެނެސް ކޮންެމެ ދާއިރާއަކުން ރައީސެއް ހޮވައި، އެ ދާއިރާގެ ކޮންމެ ރަށަކަށް ނައިބެއް ވަކިން ހޮވުން

"މިކަހަލަ ހިންގުމުގެ ކަންތައްތައް ހުރީ އިނގޭތޯ. ސިޔާސަތުތަކަށް ބަދަލު އަންނަ އެއްވެސް ކަމެއް ނެތް." އިބުރޭ ވިދާޅުވިއެވެ.