މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސް އަށް ފަހު އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ޕްރައިމަރީ ބާއްވާނެ ކަމަށް، އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އާ ގުޅޭގޮތުން ޒުވާނުންގެ މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ، އެމްޑީޕީން އަބަދު ވެސް އަމަލުކުރަމުން ދާނީ އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އަހްމަދު ވިދާޅުވި ގޮތުގައި، ރައީސް ކަމުގައި މިހާރު ހުންނެވި ބޭފުޅަކަށް އޮޓޮމެޓިކުން ރިޔާސީ ޓިކެޓް ކަށަވަރުވުމާ ގުޅޭ އިސްލާހެއް ކޮންގްރެސްގައި ބަހުސް ކުރުމަށް ހުށަހަޅާފައެއް ނުވެއެވެ.

އަދި ބައެއް ފަރާތްތަކުން ކޮންގްރެސްގެ ތެރޭގައި ރިޔާސީ ޓިކެޓް ހަވާލުކޮށް، އެކަމާ މެދު ކޮންގްރެސްގައި ގޮތް ނިންމާ ވާހަކަ ދައްކަމުންދާ ކަމަށް އަހްމަދު ވިދާޅުވިއެވެ. އެއަށްފަހު އޭނާ ވިދާޅުވީ، ކޮންގްރެސް އަށް ފަހު ރިޔާސީ ކެންޑިޑޭޓް އިންތިހާބުކުރުމަށް ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީ އެއް ދާދި އަވަހަށް ﷲ އިރާދަކުރެއްވިއްޔާ އޮންނާނެ މި ކޮންގްރެސް އަށް ފަހުގަ. އެހެންނަމަވެސް ޕްރައިމަރީން ޓިކެޓް އަޅުގަނޑުމެން މި ދެނީ، މި ކޮންގްރެސްގަ ޓިކެޓް ދިނުމުގެ އެއްވެސް އިސްލާހެއް އަދި ވިސްނުމެއް އަދި އެކަމާ ގުޅޭ މަސައްކަތެއް ކުރުމަކަށް ހަމަޖެހިފައެއް ނެތް." އަހްމަދު ވިދާޅުވިއެވެ.

ނަމަވެސް، ޕްރައިމަރީ ބާއްވާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.

ކޮންގްރެސް އަށް ފަހު އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ކަމަށް އިއުލާން ކުރެއްވި އިރު، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި "އާސްކް ސްޕީކާ"ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނު އިންތިހާބުތަކުގައި ވާދަ ކުރައްވަނީ ކާމިޔާބު ކުރުމަށް ކަމަށާއި، ކާމިޔާބު ކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ކުރިމަތިލެއްވުން ރަނގަޅު ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި މުހިންމީ އެމްޑީޕީ އަށް ވެރިކަން ލިބުމެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށާއި، ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ އެކަމަށް ތައްޔާރަށެވެ.