ޓޯ ޔާޑުގައި ހުރި ސައިކަލުތަކަށް ފުލުހުން ގެއްލުމެއް ނުދޭ ކަމަށާއި ވީޑިއޯއަކުން ފެންނަނީ ދީފައިވާ މުއްދަތުގައި ހަވާލު ނުވެ ހުރި ސައިކަލުތައް ނައްތާލާ މަންޒަރު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ޓޯ ޔާޑްގައި ހުރި ސައިކަލުތަކަކަށް ފުލުހުން ގެއްލުން ދީ ހަލާކު ކުރަމުންދާ ކަމަށް ބުނެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމު ކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން ފުލުހުން ޓޯ ކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތު އުޅަނދުގެ ވެރިފާތަށް ދޭ ކަމަށެވެ. 60 ދުވަހުގެ ތެރޭގައި ހަވާލުނުވާ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އުޅަނދުތައް ނައްތާލަން ގެންދިއުމުގެ ކުރިން އެ އުޅަނދު ފުލުހުން ޗެކް ކުރާ ކަމަށާއި އަދި މި ގޮތަށް ނައްތާލާ އުޅަނދުތައް ނައްތާލަނީ އެކަމަށް ހެދިފައިވާ އުސޫލާ އެއް ގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށް އަދި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ވީޑިއޯއަކީ އުޅަނދުތައް ނައްތާލުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ހިންގަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.