26 އަހަރު ފަހުން ހއ. އުލިގަމުގައި އާ އިންޖީނު ގެއެއްގައި ހިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ ހއ. އުލިގަމުގައި 26 އަހަރު ވަންދެން އާންމުން ދިރިއުޅޭ އަވަށުގެ ތެރޭގައި ގެނދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

ފެނަކަ އިން އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައި ހުރެއެވެ.

އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑް ކުރެވިގެން ދާނެ ކަމަށް މީގެ ކުރިން ފެނަކައިން ވަނީ ބުނެފައެވެ.

155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.