ސައުދީ ސަރުކާރަށް ފާޑުކިޔައި ޓްވީޓްތަކެއް ކުރި ކަމަށް ބުނެ އުމުރުން 34 އަހަރުގެ ޕީއެޗްޑީ ދަރިވަރަކު ސައުދީ އަރަބިއްޔާގައި 34 އަހަރަށް ޖަލަށް ލައިފިއެވެ.

ލީޑްސް ޔުނިވާސިޓީގެ ޕީއެޗްޑީ ހާސިލު ކުރަމުން ދިޔަ އެ ދަރިވަރު، ސަލްމާ އަލް ޝެެހާބް ޖަލަށް ލުމުން އެ ޔުނިވާސިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދެ ކުދިންގެ މަންމަ ސަލްމާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ ޓްވީޓް ތަކުގައި އިސްލާހަށާއި އެކްޓިވިސްޓުން މިނިވަން ކުރުމަށް އަޑުއުފުލާ ހަދާތީއެވެ. ނަމަވެސް ތަހުގީގު ހިންގާ އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްފައި ވަނީ އާއްމު ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމާއި ހިޔާލުތަފާތުވާ ފަރާތްތަކަށް އެހީތެރިވުމާއި ދޮގު މައުލޫމާތު ނުވަތަ އަޑުތައް (ސައުންޑް ބައިޓް) ޝާއިއު ކުރާ ކަމަށް ބުނެއެވެ. މިއީ އެކްޓިވިސްޓެއްގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ސައުދީން އަންހެނުންގެ ހައްގުތަށް ރައްކާތެރި ކުރަމުންދާ ކަމަށް ބުނާ ބުނުމަކީ ދޮގެއްކަން އެ ހުކުމުގެ ސަބަބުން ސާބިތުވެ އެ ގައުމުގެ ހާލަތު ގޯސްވަމުން ދާކަން ހާމަ ވެގެން ދެއެވެ.

ސުންނީ މުސްލިމުން ވެރިކަން ކުރާ ސައުދީގައި ސަލްމާ އަކީ ޝިޔައީ މައިނޯރިޓީގެ މެމްބަރެކެވެ. އޭނާގެ އިންސްޓަގްރާމްގެ ޕޭޖުގައި އަމިއްލަ ނަފްސު ސިފަކޮށްފައި ވަނީ ދަތުގެ ސާފުތާހިރުކަމާއި ސިއްހީ މައުލޫމާތު އާއްމުންނާ ހިއްސާ ކުރާ ފަރަތެއްގެ ގޮތުގައެވެ. އޭނާއަކީ ޕީއެޗްޑީ ދަރިވެރެއްގެ އިތުރުން ރިއާޒުގެ ޕްރިންސަސް ނޫރާ ޔުނިވާސިޓީގައި ލެކްޗަރާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

ސައުދީ އަކީ ހިޔާފަޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައި އޮންނަ ގަލްފުގެ ގައުމުތަކުގެ ތެރެއިން ފުލުން ޖާގަ ހޯދާ 172 ވަނައިގައި އޮތް ގައުމެވެ. އެ ލިސްޓުގައި ހިމެނެނީ ޖުމްލަ 180 ގައުމެވެ.