ޖަރުމަނުވިލާތަށް ދިވެހި ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު އިތުރު 6 ގައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.

ޝާން އައްޔަނު ކުރުމަށް ނިންމާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށް ކަނޑައަޅާ ނޮންރެޒިޑެންޓް ސަފީރުގެ ގޮތުގައެވެ.

ނޮން ރެޒިޑެންޓް ސަފީރުކަމަށް ޝާން އައްޔަނު ކުރުމަށް ނިންމާ މަޖިލީހުގެ ރުހުން ހޯދުމަށް، މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ.

ޖަރުމަނު ސަފީރުކަމަށް އައްޔަން ކުރައްވާ މަގާމުގެ ލިޔުން ޝާން އާ ހަވާލުކުރެއްވީ މިދިޔަ ޖުލައި 20 ގައެވެ.

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ކުރިން ހުންނެވި ޝާން ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ވެސް ފުރުއްވައިފައެވެ.

އޭގެތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަމާއި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ހިމެނެއެވެ.