ދިރިއުޅެމުންދިޔަ ގޭގެ އެޕާޓްމަންޓަކުން އަތުލައިގެން 44.1641 ގްރާމުގެ ކެނަބިސްގެ މައްސަލާގައި ދައުލަތުން ދައުވާކުރި ހަސަން އަލީ ދީދީގެ މައްޗަށް ކެނެބިސް ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ 27 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ހަވީރު ގާތްގަނޑަކަށް 5:42 ހާއިރު ހަސަން އަލީ އާއި އިތުރު ބަޔަކު ގ. ހެޕީހައުސްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކޯޓުގެ އަމުރެއްގެ ދަށުން އެ ގޭގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނު ކަމަށެވެ. އަދި ހަސަން އަލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ތަހުލީލުކުރި އިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ ހުކުމުގައިވާ ގޮތުގައި އެ އެޕާޓްމަންޓުގެ ކަނާތްފަރާތުން ދެވަނަ ކޮޓަރީގެ އެނދުމަތީގައި ހުރި އަޅިކެނޑީގައި އޮތް ބިޑީގައި 0.2786 ގްރާމްގެ ކެނަބިސް ހުރިއިރު އެ އެނދުމަތީގައި އޮތް ކޮތަޅެއްގެ ތެރޭއިން ފެނުނު 160 ސެލޯފިން ކޮތަޅުގައި 40.8640 ގްރާމްގެ ކެނަބިސް ހުރި ކަމަށެވެ. އަދި އަލަމާރި ތެރެއިން ފެނުނު ކޮތަޅެއްގައި 20 ސެލޯފިން ކޮތަޅު އޮތްއިރު އޭގައި 3.0215 ގްރާމްގެ ކެނަބިސް ހުރި ކަމަށް ވެސް ހުކުމުގައި ބުނެއެވެ.

ހަސަން އަލީ ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށާއި އެތަނުން ފުލުހުން އަތުލައިގެން ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށްވެސް އިއުތިރާފު ވެފައެވެ.

މި މައްސަލާގައި ހަސަން އަލީގެ މައްޗަށް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 14 ގްރާމަށްވުރެ ގިނަ ކެނަބިސް ހުރެއްޖެނަމަ އެ އެއްޗެއް ޓްރެފިކް ކުރި ކަމަށް ބެލެވޭނެއެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުގައި އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން އޮވެއެވެ.

ހަސަން އަލީ ވަނީ ދައުވާތަކަށް އިންކާރު ނުކުރާ ކަމަށް ބުނެ މަޖުބޫރެއް އަދި ނުފޫޒެއްނެތި އަމިއްލަ އިހުތިޔާރުގައި އިއުތިރާފުވާ ކަމަށް ބުނެފައެވެ. އަދި އަދަބާ ގުޅޭގޮތުން ހަސަން އަލީ ބުނެފައި ވަނީ އޭނާއަކީ މިހާރުވެސް ޓީޓީއާރްސީއިން ފަރުވާ ހޯދަމުން ދާ ފަރާތެއް ކަމަށާއި ފަރުވާ ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ ޓްރެފިކިންގެ ދައުވާ ސާބިތުވާ ފަރާތްތަކަށް ޑްރަގް ކޯޓުން ފަރުވާ ފުރިހަމަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި އެހެންނަމަވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަސަން އަލީގެ މައްޗަށް ވަނީ ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެ 3 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ ބަންދުގައި ހޭދަކުރި 136 ދުވަސް އުނިކުރުމަށް ފަހު 24 އަހަރާއި 7 މަހާއި 14 ދުވަހަށް ޖަލަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން ހަސަން އަލީ ދެން ހުކުމް ތަންފީޒު ކުރަން ޖެހޭނީ 27 އަހަރާއި 7 މަހާއި 14 ދުވަހެވެ. އަދި ޖޫރިމަނާގެ ފައިސާ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދެ އަހަރު ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.