ވަސީލަތްތައް ހުރި މިންވަރަކުން ރައްޔިތުންގެ ޑިމާންޑްތަކަށް ވާސިލުވުމަށް އިތުރު ހިއްވަރު ލައިގެން މަސައްކަތް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރު އިމްރާން އަބްދުالله އެދިވަޑައިގެންފިއެވެ.
އިމްރާން މިފަދައިން އެދިވަޑައިގެންފައި ވަނީ ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގާއި ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި އަގު ކަމަށާއި އަމަން އަމާންކަމާއި ރައްކާތެރިކަމާއި އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެ އަގު ހިފެހެއްޓުނު މިންވަރަކުން ކަމަށެވެ. އަދި މުއައްސަސާގެ ތެރޭގައި އެ އަގު ހިފަހައްޓާ އެ އަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ އޮފިސަރުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ ދިވެހި މުޖުތަމައަށްޓަކައި ފުލުހުން އަދާކޮށްދޭން ޖެހޭ ވަރަށް ބޮޑު ޒިންމާއެއްކަމުގައި ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާއަށް ލޯތްބާއި އިހުތިރާމް ދީ ކަންކަމުގައި އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އިމްރާން ވަނީ އެދިވަޑައިގެންފައެވެ. އަދި އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކަށް ކުރެވޭ ކަމެއްގެ ސަބަބުން އޭގެ މަލާމާތާއި ނުރުހުންތެރިކަން މުޅި މުއައްސަސާއަށް ރައްދު ނުކުރުމަށް އެދިވަޑައިގެން އިމްރާން ވިދާޅުވީ އެފަދަ އޮފިސަރުންނާ މެދު ފިޔަވަޅު އަޅާ މުއަސްސަސާގެ އަގު ހިފަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް ބަންދުކުރެވިދާނެ ކަމަށާއި ޖަލަށްވެސް ލެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކޮންމެ މީހަކަށް އަދަބު ދިނުން އަދި އެއީ ހައްލެއް ނޫންކަމަށާއި ހައްލަކީ ފުލުހުންނާއި ކައުންސިލާއި މުޖުތަމައުގެ އެންމެން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތި ކޮށްލުން ކަމަށް އިމްރާން ފާހަގަ ކުރެއްވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ކޮންމެ ރަށެއްގައި ގާއިމްކުރާ ޕޮލިސް ސްޓޭޝަނަކީ ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް ގަތާލާ ޗޭނުގެ ބޮޅެއް ކަމަށާއި ރާއްޖޭގެ އަމާންކަމާއި ސުލުހަވެރިކަން ކަށަވަރުކުރުމަށް މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ގާއިމްވުމުން މެނުވީ މި ޗޭނު ނުވަތަ މިބޮޅު އެއްކޮށް ފުރިހަމަވެގެން ނުދާނެ ކަމަށެވެ.