ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަސް ހިދުމަތް ނުދޭތީ އެ އެއްބަސްވުން ބާތިލުކޮށް ތިން މަސް ދުވަސް ތެރޭ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ފާސް ކޮށްފިއެވެ.

ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް މަނާކޮށްފައި އޮންނަ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ ހަވާލުކުރީ ޖޫން 17، 2013 ގަ އެވެ. އިމް ޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" ނަމަކަށް ކިޔާ ކުންފުންޏަކަށް ޖެނުއަރީ 16، 2014 ގައި މަސައްކަތްތައް ބަދަލު ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ވިލިމާލެ ކައުންސިލް މެންބަރު ނަހުލާ އަލީ ވިދާޅުވީ، ބަގީގެ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައި އެ ކުންފުންޏަށް ވިލިމާލެއިން ދެ ބިން ހަވާލުކުރި ކަމަށެވެ. އެއީ ޓިކެޓް ވިއްކާ ޓާމިނަލެއް ހެދުމަށާއި ވެހިކަލްތައް ޕާކުކުރުމަށް ދިން 1077 އަކަފޫޓުގެ ބިމެކެވެ. ވިޔަފާރި ވެސް ކުރެވޭ ގޮތަށް އެ ކުންފުންޏަށް ބިން ދޫކޮށްފައިވާ އިރު، އެތަނުގައި ގެސްޓްހައުސްގެ ވިޔަފާރިކޮށް، ހަވާލުކުރި މަސައްކަތް ނުކުރާ ކަމަށް ނަހުލާ ފާހަގަ ކުރެއްވިއެވެ.

ވިލިމާލެއަކީ ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުން މަނާކޮށްފައި އޮންނަ މާލޭގެ އަވަށެކެވެ. ލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ ހަވާލުކުރީ ޖޫން 17، 2013 ގަ އެވެ. އިމް ޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" ނަމަކަށް ކިޔާ ކުންފުންޏަކަށް ޖެނުއަރީ 16، 2014 ގައި މަސައްކަތްތައް ބަދަލު ކޮށްފައެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމުގައި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ރަށުގެ ދަތުރުފަތުރުގެ ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި އެތައް ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެމަޖަންސީ ހާލަތްތަކުގައި ވެސް ބަލި މީހުން އުފުލާނެ ބަގީއެއް ނުލިބި ބައެއް ފަހަރު ބަރޯގައި ވެސް މީހުން އުފުލަން ޖެހިފައި އެބަ ހުރި ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އެ ހިދުމަތް ދެމުން އަންނަ ގޮތާ ގުޅިގެން ކައުންސިލުން އެތައް ފަހަރަކު އެ ކުންފުންޏާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެތައް ނޯޓިސްއެއް ވެސް ދީފައިވާ ކަމަށާއި އެކަމަކު ހިދުމަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެއްބަސްވުން ބާތިލުކުރުމުގެ ބާރު ކައުންސިލަށް އޮންނާތީ އާއި އެއްބަސްވުމާ ހިލާފްވެ އެ ކުންފުނިން ބަގީގެ ހިދުމަރަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަން ފާހަގަކޮށް ނަހުލާ ހުށަހެޅުއްވީ އެ އެއްބަސް އުވާލުމަށެވެ. އެ މައްސަލައާ ގުޅިގެން ކައުންސިލުގެ އެހެން މެންބަރުން ވެސް ވަނީ އެއްބަސްވުން ބާތިލުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެތަނުގައި ޕަބްލިކް ހިދުމަތް ދިނުމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

މިކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލެއަކީ އިންޖީނުލީ އެއްޗެއް ދުއްވާ ތަނަކަށް ނުވާތީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދޭ އިރު ބެޓަރީ ނުވަތަ އިލެކްޓްރިކް ވެހިކަލް ހޯދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކައުންސިލުގެ މެންބަރުންގެ އިއްތިފާގުން ފާސްކުރީ ގިނަވެގެން ތިން މަހުގެ ތެރޭގައި ކައުންސިލުން ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ކަންކަންކޮށް އެ ހިދުމަތް ދިނުމަށެވެ.