އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަރުދާނާ ކުރުމަށް އެމްޓީސީސީން ދެމުން އަންނަ ފެރީ އަދި ބަހުގެ ހިދުމަތަކީ ގިނަ ބަޔަކު ހޯދަމުން އަންނަ ހިދުމަތެކެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް މި ދަތުރުފަތުރު ކުރުމުގެ ނިޒާމް ބޭނުން ކުރާ އިރު މި ފަހުން ވަނީ އެ ބަސްތަކާއި ފެރީތަކުގައި ގިނޑިތަކުގައި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތައް ހުންނަ ތަން ފެނިފައެވެ.

އެމްޓީސީސީގެ ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި މިފަދަ ލިޔުންތައް މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސް މިކަން ނުކުރުމަށް ވަނީ ގޮވާލައި ނަސޭހަތްތެރިވެފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ބަސް އަދި ފެރީތައް ސާފުތާހިރުކޮށް އަދި ނަަލަކޮށް ބެހެއްޓުމަށް އެންމެންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ.

އެމްޓީސީސީން މި މައްސަލައިގައި ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބަސްއަދި ފެރީތަކަކީ އެކި އުމުރުފުރައިގެ މީުން ބޭނުން ކުރާ ހިދުމަތެއް ކަމަށާއި މަދު ބައެއްގެ ފަރާތުން ނާތަހުޒީބު އަމަލުތަކެއް ފެންނަމުން ދާ ކަަމަށެވެ. އަދި އެކަމުގެ ސަބަބުން ބަހާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ނޭދެވޭ އަސަރު ކުރަމުންދާތީ މި ފަދަ ކަންކަން ނުކުރުމަށް އެމްޓީސީސީން ވަނީ ގޮވާލާފައެވެ.

ގޮނޑިތަކުގައި ލިޔެފައި ބައެއް ލިޔުންތަކާއި ކުރެހުންތައް

މި ކުރެހުމާއި ލިޔުންތައް ލިޔެފައި ހުންނަނީ ފަންސޫރު މާކަރު ގަލަން ފަދަ އެއްޗަކުންނެވެ. އަދި މި ލިޔުންތަކުގެ ތެރޭގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް ހަޑި ހުތުރު ވާހަކަތައް ލިޔެފައި ހުންނަ އިރު ކުރެހުމުން ވެސް، ކުޑަކުދިންނާ ނުގުޅޭ މަންޒަރުތައް ކުރަހާފައި އެބަ ހުއްޓެވެ.

މިއީ ހަމައެކަނި ބަސް ތަކުންނާއި ފެރީތަކުން ފެންނަ މަންޒަރެއް ވެސް ނޫނެވެ. މި ފަދަ ލިޔުންތައް ސްކޫލްތަކުގެ ފާހާނާތަކުގައި އާއި، ޑެސްކްތަކާއި ގޮނޑިތަކުގައި ވެސް ލިޔެފައި ހުންނަތަން ފެނެއެވެ. ބައެއް ފްލެޓްތަކާއި ގޭގޭގެ ފާރުތަކާއި ލިފްޓްތަކުގައި ވެސް މިފަދަ ލިޔުންތައް ލިޔެފައި ހުންނަ ތަން ފެނެއެވެ.