މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 30 ބިލެއް ހުށަހަޅަން މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. މި ބިލުތަކުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓްގެ ބިލު ހިމެނެއެވެ.

އޭޖީ އޮފީހުން ބުނީ، މިހާރު އެ ބިލުތައް ވަނީ މަޖިލީހަށް ފޮނުވާފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކުރާ 30 ބިލުގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުން ހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިގްތިސޯދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެއެވެ.

އެ ބިލުތައް އޭޖީން ވަނީ މިއަދު އާންމުކޮށްފައެވެ. އެ ބިލުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވަހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

ހަމައެއާއެކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގޭންގް ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލާއި، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭޏސް ކުރުން ހުއްޓުވުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހައްޖާއި އުމްރާގެ ބިލާއި، ޒަމާތުގެ ބިލާއި، ދިވެހި ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފޮރިން އިންވެސްޓްމަންޓް ބިލާއި، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި، އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

މީގެ އިތުރުން، ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ނުކުޅެދުންތެރިކަން ހުންްނަ މީހުންގެ ހައުގުތައް ރައްކާތެރިކުރުމާއި މާލީ އެހިތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އަދި މޯލްޑިވްސް މީޑިއާ އެން ބްރީޑްކާސްޓިން އޮތޯރިތީގެ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި، ޕޯޓްތައް މެނޭޖްކުރުމުގެ ބިލު ހިމެއެވެ.