ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ތެރެއަށް 5 އިންޗީގެ ވަޅިއެއް ހިފައިގެން ވަން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރި އެ ހުކުމުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 9 ޖަހާއިރު ކ. މާލެ، މ. ލަވްނެސްޓު އިބްރާހީމް ނާޝިދުގެ 5 އިންޗީގެ ވަޅިއެއް ހިފައިގެން ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ވަން މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާކޮށްފައިވާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ނާޝިދު ވަނީ ކުށަށް އިއުތިރާފުވެފަވެފައެވެ. ނާޝިދަކީ ނަފްސާނީ ބައްޔަށް ބޭސް ކާ މީހެއް ކަމަށާއި އެވަގުތު ގެންގުޅުނު ވަޅިއަކީ އަމިއްލަ ނަފްސަށް އަނިޔާކުރުމަށް ގެންގުޅުނު ވަޅިއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ކުށަށް އިއުތިރާފުވީ އަމިއްލަ އިހްތިޔާރުގައި ހަމަހޭގައި ހުރެގެން ކަމުން އެންމެ ކުޑަ ލުއި އަދަބެއް ދިނުމަށް ނާޝިދު ވަނީ އެދިފައެވެ.

ކުށަށް އިއުތިރާފުވުމުންނާއި ޝަރީއަތަށް އެއްބާރުލުން ދީފައި އޮތުމުން، ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް ކަނޑައެޅޭނެ އަދަބަކީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ނިންމަވާފައެވެ.