އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމަށް ދައުވާ ކުރުމާ މެދު ތިން ދުވަހުގެ ތެރޭ ގޮތެއް ނިންމައި އެކަން އަންގަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ނަސީރުގެ ބަންދަށް ތިން ދުވަސް އިތުރުކޮށް ގާޒީ އަލީ އާދަމް ނެރުނު އަމުރުގައިވާ ގޮތުން، އެ މުއްދަތު ދިނީ ނަސީރަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް، ނުވަތަ އެކަމުގައި ނިންމި ގޮތެއް ޝަރީއަތަށް ހުށަހެޅުމަށެވެ.

ނަސީރު ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރު، އޭނާގެ ވީޑިއޯ އެއް އާންމުވުމާ އެކުގައެވެ. ނަމަވެސް ނަސީރުގެ ވީޑިއޯ އިން ފެންނަނީ އަލަމްގިރި އެއް ނޫނެވެ. އޭނާ އާ އެކު ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ އަދިވެސް ހައްޔަރެއް ނުކުރެއެވެ.

އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން، ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއެވެ. ނަމަވެސް މި މަހުގެ 12 ގައި އެ ތިން މީހުން ދޫކޮށްލާފައިވާއިރު، އެ މީހުން ދޫކޮށްލާފައިވަނީ އެ މީހުން ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި، އެ ތިން މީހުން ދޫކޮށްލާފައިވަނީ ގާނޫނު އޮތް ގޮތުން ބަންދުގައި ބެއިތިއްބޭ ޒާތުގެ ކުށެއް ކޮށްފައިނުވާތީއެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އަޅައި ހައްގު އަދަބު ދިނުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ. އަދި އެ މައްސަލައިގައި އެކަމާ ގުޅުންހުރި ފަރާތްތައް ހައްޔަރުނުކުރާތީވެ، ސަރުކާރަށް ފާޑުކިއުން ވަނީ އަމާޒުވެފައެވެ.