ހަގީގީ ޑިމޮކްރަސީ ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ސަރުކާރު ކޯލިޝަންގެ ވެސް އެއް ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރައްވަން ކުރައްވާ މަސައްކަތާ ދެކޮޅުކަން ހާމަ ކުރައްވައިފިއެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ބެހޭ ކެމްޕެއިން ފުރަތަމަ ފެށި ދުވަސްވަރު، ނަޝީދު ވަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ގާސިމާ ބައްދަލު ކުރައްވައިފައެވެ.

މީގެ ކުރިން ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅު ގާސިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަތުގައި އޮންނަ ވެރިކަމުގެ ބާރު އެ ގޮތުގައި ދެމެހެއްޓޭނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމަށް ވުމުން ކަމަށެވެ.

"ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެވެ. ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ފަރާތެއް ނޫނެވެ." ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ގާސިމް މިފަދައިން ވިދާޅުވިއިރު، ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ނަޝީދު ގެންދަވަނީ މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ. އޭގެ އިތުރުން، އެމަނިކުފާނު ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ.

ނަމަވެސް، ނަޝީދު ފިޔަވައި، އެމްޑީޕީއާ އެކު ކޯލިޝަން ހައްދަވައިގެން ތިއްބެވި ޕާތީތަކުގެ ލީޑަރުންނާއި ބައެއް ވަޒީރުންގެ އިތުރުން، ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދެކޮޅު ހައްދަވައިފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.

އެއާއެކު، ނަޝީދު ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ސަރުކާރަށް އޮތް ތާއީދު ގެއްލޭނެ ކަމުގެ ނުސީދާ އިންޒާރެއް ރޭ ދެއްވައިފައެވެ.