ތުރުކީއާއި ގްރީސްގެ ބޯޑަރުގައި އޮންނަ ކުޑަކުޑަ ރަށެއްގައި ތާށިވެފައި ތިބި 38 ހިޖުރަވެރިން ފެނިއްޖެއެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނެއެވެ.
ފެނުނު މީހުންގެ ތެރޭގައި 22 ފިރިހެނުންނާއި 9 އަންހެނުންނާއި 7 ކުޑަކުދިން ހިމެނެއެވެ. ހިޖުރަވެރިންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، މިދިޔަ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން އެމީހުން ތިބީ އެރަށުގައެވެ. އެމީހުން ފެނިފައި ވަނީ މިދިޔަ ހޯމަ ދެވަހު ކަމަށާއި މިހާރު އެމީހުން ގްރީސްއަށް ވައްދާފައި ވާކަމަށް ހަބަރު ލިބެއެވެ.
ގްރީސްގެ ހިޖުރަވެރިންނާ ބެހޭ މިނިސްޓަރު ވިދާޅުވީ އެ ގުރޫޕުގެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާބަނޑު އަންހެން މީހާ ވަނީ ހޮސްޕިޓަލަކަށް ގޮންގޮސްފައި ކަމަށެވެ.
ނަމަވެސް ގްރީސްގެ ރަށެއް ކަމުގައިވާ ލަވާރާ ކައިރީގައި އޮންނަ އެ ޖަޒީރާގައި، މަދުވެގެން އެއް ކުއްޖަކު މަރުވެފައި ވާކަމަށް އެ ގުރޫޕާއި އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކުން ބުނެއެވެ. މިކަން ގްރީސްގެ ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ތުރުކީއާއި ގްރީސްގެ ބޯޑަރުގައި އެމީހުން ތިބި ރަށް އޮންނަ ސަރަހައްދަށް މިދިޔަ އަންގާރަ ދުވަހު ގްރީސްގެ މައިގްރޭޝަން މިނިސްޓަރު ނޮޓިސް މިޓަރާޗީ ޒިޔާރަތް ކުރައްވާފައި ވާ އިރު، މަރުވި ކުއްޖާ ކަރާމާތާ އެކު ވަޅުލުން ކަށަވަރު ކުރުމަށް، އިންޓަނޭޝަނަލް ރެޑް ކްރެސެންޓް އަދި ރެޑް ކްރޮސްއާ ގުޅިގެން ހަށިގަނޑު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ފެނުނު މީހުންނަނީ ސީރިއާއަށް ނިސްބަތްވާ ބައެކެވެ.
ފެނުނު މީހުންގެ ތެރެއިން އަންހެނަކާ ހަވާލާދީ ބީބީސީ ބުނެފައި ވަނީ އެމީހުންނާ މެދު ދެ ގައުމުން ކަންތައް ކުރަނީ ދެގައުމުގެ ދެމެދުގައި ކުޅެވޭ ފުޓުބޯޅަ މެޗެއް ފަދައިން ކަމަށެވެ.
ތުރުކީއިން ޔޫރަޕަށް ދިއުމަށް މަސައްކަތް ކުރާ ހިޖުރަވެރިންނާމެދު ގްރީސްއިން މި ބީދާއިން އަމާލުކުރާ ކަމުގެ ވާހަކަތައް ދެކެވޭތާ ޒަމާންތަކެއް ވެއްޖެއެވެ.
ގްރީސްއިން, ހިމާޔަތް ހޯދަން އުޅޭ އެތައް ހާސް ބަޔަކު ހިމާޔަތް އެދުމުގެ ފުރުސަތު ދިނުމުގެ މާ ކުރިން އެމީހުންނަށް އެ ފުރުސަތު ނުދީ ފަހަތަށް ޖައްސާލައި ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ތުހުމަތު ކުރެއެވެ.
ބައެއް ރެފިއުޖީން ބުނާގޮތުގައި ގްރީސްއިން އެމީހުން ގަދަކަމުން އަނބުރާ ތުރުކީގެ ކަނޑުގެ ސަރަހައްދަށް ގެންދެއެވެ. ނަމަވެސް ގްރީސްއިން ވަނީ މި ހަބަރުތައް ދޮގުކޮށް, އެ ގައުމުން ޔޫރަޕާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރަމުން ދާ ކަމަށް ބުނެފައެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ އާއި ޖޫން މަހާ ދެމެދު ކަނޑުމަގުން ސީރިއާގެ 232 މީހުން ގްރީސްއަށް ވަދެފައިވާ ކަމަށް އދ ގެ ހިސާބުތަކުން ދައްކައެވެ.