އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން ހިންގާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ކޯހަކީ ފުލީ ފަންޑަޑް ކޯހެއްގެ އިތުރުން ކޯހުގެ ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 2300 ރުފިޔާ ލިބޭ ކޯހެކެވެ. އަދި މި ކޯހުގައި 6 މަސް ދުވަހުގެ އިންޓާންޝިޕްގެ ގޮތުގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ވެސް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް ރާއްޖޭގައި ހިންގަން މަސައްކަތް ކުރާ މީ ފުރަތަމަ ފަހަރެވެ. މި ކޯހަކީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް އިފްތިތާހް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.