ސްމާޓް ވޮޗެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެއް ކޮޓަރިއެއްގައި ދިރިއުޅޭ މީހެއްގެ ގަޑިއެއް ނެގި މައްސަލާގައި އަހްމަދު ގައްސާމް ނަމަކަށް ކިޔާ މީހާގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގައްސާމް އޭނައާ އެއް ކޮޓަރިއެއްގައި ދިރިއުޅޭ މީހެއްގެ ގަޑި ވަގަށް ނަގައި ޖީބަށް ލައިގެން ބިއްލޫރި ސީޓުތަކެއް ކޮނޑަށްލައިގެން ދަނިކޮށް ފުލުހުންނަށް ފެނުނު ކަމަށާއި ކުށެއް ކޮށްފިކަމަށް ޝައްކު ކުރެވިގެން ފުލުހުން އޭނާ މަގުމަތިން ހުއްޓުވާ ފާސްކުރި ކަމަށެވެ. ނަމަވެސް އެ ބިއްލޫރި ޝީޓް ތަކުގެ ސައިޒެއް ބަޔާންކޮށްފައެއް ނެތެވެ.
ފުލުހުން ސުވާލު ކުރުމަށް އޭނާ އެންމެ ފުރަތަމަ ބުނީ އެއީ އުފަންދުވަހުގެ ހަދިޔާއަކަށް ދައްތަ ދިން އެއްޗެއް ކަމަށާއި އެހެންނަމަވެސް ގަޑީގެ ސްކްރީނުން އެހެން މީހަކު ފެނުމުން އެ ގަޑީގެ ވެރިފަރާތް ފުލުހުން ހޯދިއެވެ. އޭގެ ފަހުން ގައްސާމް ބުނީ އެ ގަޑިއަކީ އޭނާ ދިރިއުޅުނު ގޭގެ ކޮޓަރި ސާފުކުރަން އުޅުމުގެ ތެރޭގައި ފެނުނު ގަޑިއެއް ކަމަށާއި ގަޑި ފެނުމުން ޖީބަށް ލީ ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި ގައްސާމް އެ ގަޑި ވަގަށް ނަގާފައިވަނީ އޭނާއާ އެއް ކޮޓަރިއެއްގައި އުޅޭ ފަރާތެއްގެ ދަބަހުގައި އޮއްވާ ކަމަށާއި އެކަމަށް ބާރުދީ އެ ގަޑީގެ ވެރިފަރާތްވެސް ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ޝަރީއަތުން ކަނޑައެޅީ ޕްރޮސެކިއުޝަނުން ހުށަހެޅި ހެކިންގެ ހެކިބަހުން ގައްސާމް އެ ކުށް ކުރިކަން ސާބިތުވާ ކަމަށެވެ.
މައްސަލައިގެ އަދަބު ކަނޑައެޅުމުގައި ޝަރީއަތުން ފާހަގަކުރި ގޮތުގައި ގައްސާމް ކުރި ކުށުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އެހެންނަމަވެސް މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ވައްކަމުގެ އިތުރު މައްސަލަތަކެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އަދަބު މަތިކޮށް އަސާސީ މިންގަނޑުގެ ދެ ދަރަޖައިން އަދަބު މަތިކުރުމުން ކަނޑައެޅޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އޭނައަށް ހުކުމްކުރުމުގެ ކުރިން އަށް ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ ދުވަސްތައް ކެނޑުމަށްފަހު އޭނާ ތިން މަހާއި 10 ދުވަހަށް ޖަލަށް ލާން ހުކުމްކުރީއެވެ.