ހުޅުމާލޭގެ ރެހެންދި ސްކޫލްގައި މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ހުރިހާ ކުދިން އެ ސްކޫލްގައި ޖަމާއަތުގައި އަސުރު ނަމާދުކުރަން މިއަދު ފަށަައިފިއެވެ.

ރެހެންދި ސްކޫލުން ދަރިވަރުންގެ ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސްކޫލުގެ މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ގްރޭޑް 2، 3، 4، 5 އަދި 6 ގެ ކުދިން ޖަމާއަތުގައި އަސުރު ނަމާދުކުރުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އޮންނާނެ ކަމަށާއި އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުވާއިރު ނަމާދަށް ތައްޔާރުކޮށްފައި ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.

ރެހެންދި ސްކޫލުން ބުނީ ދަރިވަރުން ގެއިން މެންދުރު ނަމާދު ކުރުވުމާއި އަދި ވުލޫ ކުރުވައިގެން ސްކޫލަށް ފޮނުއްވުމާއި ދަރިވަރުން ނަމާދު ކުރަން ބޭނުންވާ ތަކެތި، މުސައްލައިގާ ދަރިވަރުގެ ފުރިހަމަ ނަމާއި ކްލާސް ޖައްސަވާފައި ނަމާދު ދޮޅި ފަދަ ތަކެތި ހަވާލުކޮށްފައި ފޮނުވުމަށް އެދޭ ކަމަށެވެ.

ރެހެންދި ސްކޫލުން އިތުރަށް ބުނެފައިވަނީ ކޮންމެ ދުވަހަކު ވެސް ބޫޓުލުމަށް ޕްލާސްޓިކް ނޫން ޒާތެއްގެ ކޮތަޅެއް ދީފައި ފޮނުވުމަށާއި އަދި ސްކޫލަށް ދާއިރު ނަމާދުކުރަން އެކަށީގެންވާ ސާފުތާހިރު އިސްޓާކީނަކަށް އަރުވައިގެން އެ ކުދިން ފޮނުވުމަށް ވެސް ސްކޫލް ފޮނުވި މެސެޖުގައި ވަނީ ބުނެފައެވެ.