ރެހެންދި ސުކޫލުގައި ކުރިއަށް ގެންދިޔަ ކެޑޭޓު ހަރަކާތެއްގެ ތެރެއިން އެ ސުކޫލުގެ ގިނަ އަންހެން ދަރިވަރުންގެ ހެދުން ބާލުވައި އެ ކުދިން ގަޔަށް "ޕްރެޝަރުގައި" ފެންޖެހި ވާހަކަ ބައެއް ބެލެނިވެރިން ދޮގުކޮށްފިއެވެ.

ކެޑޭޓް ކޭމްޕުގައި ބައިވެރިވި ގުރޭޑު 8، 9، އަދި 10ގެ އަންހެން ދަރިވަރުންތަކެއް ފާހާނާ ބަރި ކައިރިއަށް އެއްކޮށް އެ ކުދިން ލައިގެން ތިބި ހެނދުން ބާލުވާ، އެ ކުދިން ގަޔަށް ޕްރެޝަރުގައި ފެންޖެހި ކަމަށް ބުނެ މީޑީއާއެއްގައި ހަބަރު ޖެހި މައްސަލައެއް ފެންމަތިވެފައި ވާއިރު ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްއެވެ.

އަދި މިވާހަކަތައް ދޮގުކޮށް އެ ސްކޫލުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މި މައްސަލައާ ގުޅިގެން ބައެއް ބެލެނިވެރިން ޝައިހް އާދަމް ނިޝާންއާ ދައްކާފައިވާ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާއިރު އެތަނުން އެކަކު ބުނެފައި ވަނީ އެ ކޭމްޕަށް ދިޔަ ކުދިންގެ ތެރޭގައި އޭނާގެ ކޮއްކޮ ވެސް ހިމެނޭ ކަމަށާއި ކޮއްކޮއާމެދުވެސް އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޝެއިހް ނިޝާނާ ވާހަކަދެއްކި ބެލެނިވެރިޔާ ބުނީ، ކުލާހަކަށް ވައްދައި ކުދިންގެ ހެދުން ބާލުވަން އުޅުމުން ބައެއް ކުދިން އެކަމާ ދެކޮޅުހެދުމުން އެކުދިންނާ ދިމާލަށް އިންސްޓްރަކްޓަރު ހަޅޭއްލަވައި ހެދި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ކުދިން ރުއިކަމަށް ވެސް އޭނާ ބުންޏެވެ.

ރެހެންދި ސުކޫލުގެ ކެޑޭޓުގެ ވައިބާ ގުރޫޕުގައި ދެކެވިފައިވާ ބައެއް ވާހަކަތަކުގެ ސްކްރީން ޝޮޓު ނިޝާން ހިއްސާ ކުރައްވާފައި ވާއިރު ބެލެނިވެރިޔަކު ވަނީ އެކަމަކީ މަނާކަމެއް ކަމަށާއި އެގޮތަށް އެކަން ކުރެވިގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި އެކަން އެގޮތަށް ހިނގިތޯ އޭނާގެ ދަރިފުޅުކުރެން އެހުމުން އެކަން އެހެން ހިނގި ކަމަށް ދަރިފުޅު ބުނެފައިވާ ކަމަށް އެ ސްރީންޝޮޓުން ފެނެއެވެ.

މި މައްސަލާގައި ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރިނަމަވެސް ބައެއް ބެލެނިވެރިން އެކަމަށް ހަޖޫ ޖަހާފައި ހުރި ސްކްރީންޝޮޓުތައް ވެސް ހުއްޓެވެ. މިގޮތުން ބެލެނިވެރިއަކު ވަނީ ހިތް އާސުމާނަށް އަރިގެން އުޅޭ މީހަކު ނަމަ ދަރި ކޭމްޕުގައި ބައިވެރި ކުރުވަނީ ކީއްވެގެންތޯ އަހާ ސުވާލު ކޮށްފައެވެ.

އަހަރެންގެ ދަރިވެސް ބުނީ ކުދިން ކައިރި އަހާފަ ރުހުން ލިބެގެން ގަޔަށް ހޮޅިއަކުން ފެން ޖެހިޔޯ، އެކަކަމު ޕްރެޝަރުގައެއް ނޫނޯ، އަދި އެކިޔާ އެހެން އޮރިޔާން ކޮށްފައެއް ވެސް ނޫނޯ.
ބެލެނިވެރިއަކު

އަދި ވަރަށް ހުތުރު ބަހުން މިފަދަ ދޮގު ހަބަރު ނުފަތުރަށް އެބެލެނިވެރިޔާ ވަނީ ގޮވާލާފައެވެ.

އެކަމާ ގުޅިގެން ޝައިހް ނިޝާން ވަނީ އަދިވެސް ސްކޫލުންނާއި މިނިސްޓްރީ އިން މިކަމުގެ ހަގީގަތް ފޮރުވައި ދޮގު ހަދައި އޮޅުވާލަން ހިފާފައި ވާ ކަމަށާއި މިކަން ކުރިމަތިވި ގިނަ ކުދިން ތިބީ ބިރުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސްކޫލުންނާއި ޓީޗަރުންނާއި އެހެން ކުދިންގެ ފަރާތުން ކުރިމަތިވެދާނެ ގޯނާއަކަށް ބިރުން ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

"ދަ ޕަރެސް" އަށް ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ، ކެޑޭޓު ކޭމްޕުތަކުގައި މިހަކަލަ ކަންކަން ކުރާނެ ކަމަށާއި މޫދަށް ގެންގޮސް، ކަނޑަށް ވެސް ވައްޓާލާ ފަހަރު އަންނަ ކަމަށެވެ. ކެޑޭޓަށް ވައްދާއިރު މިކަހަލަ ކަންކަން ވާކަން ނޭނގޭތޯ ވެސް އޭނާ ވަނީ ސުވާލު ކޮށްފައެވެ. އެ ބެލެނިވެރިޔާ ވަނީ ދަރިވަރުންގެ ގަޔަށް ފެންޖެހި ނަމަވެސް ޕްރެޝަރުގައި ފެން ނުޖަހާ ކަމަށް ވެސް ބުނެފައެވެ.

ރެހެންދި ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، މިމަހު 10 އިން 12 އަށް އެސްކޫލުގައި ހިންގި ކެޑޭޓް ކޭމްޕުގައި ދަރިވަރުންގެ ހެދުން ބާލުވައި ފެންޖެހި ކަމަށް ބުނެ ނޫހެއްގައި ލިޔެފައި ވާ ހާދިސާއެއް ސުކޫލުގެ އެއްވެސް ބެލެނިވެރިޔަކު ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

އަދި ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ ސުކޫލުގެ ރަޖިސްޓަރީގައި ނެތް ފަރާތަކުން ސްކޫލުގެ ނަމާއި ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ފަތުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަސް އިލްތިމާސް ކޮށްފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ، އެ ހަރަކާތުގައި ފިރިހެން ދަރިވަރުންނަށް ފިރިހެން އިންސްޓްރަކްޓަރުން އަދި އަންހެން ދަރިވަރުންނަށް އަންހެން އިންސްޓްރަކްޓަރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޭމްޕު ކުރިއަށް ދިޔައިރު ފީޑް ބެކް ސެޝަންތަކެއް ތާވަލު ކޮށްގެން ކުރިއަށް ގެންދިޔަ ކަމަށާއި އެއިން އެއްވެސް ސެޝަނެއްގައި ދަރިވަރެއް ނުވަތަ ބެލެނިވެރިއެއްގެ ފަރާތުން އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށް ބަޔާނުގައި ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ރެހެންދި ސުކޫލާއި ކެޑޭޓު ކޯއިން މިކަން ބެލިބެލުމުން، އެފަދަ ހާދިސާއެއް ހިނގާފައި ނުވާކަމަށް ބަޔާނުގައި ބުނެއެވެ.