ރެހެންދި ސުކޫލުގައި ކުރިއަށްގެންދިޔަ ކެޑޭޓު ހަރަކާތެއްގެ ތެރެއިން އެ ސުކޫލުގެ ގިނަ އަންހެން ދަރިވަރުންގެ ހެދުން ބާލުވައި އެ ކުދިން ގަޔަށް ޕްރެޝަރުގައި ފެންޖެހި ކަމަށް ދެކެވޭ ވާހަކަ އެސްކޫލުން ދޮގުކޮށްފިއެވެ.

މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެޑޭޓް ކޭމްޕުގައި ބައިވެރިވި ގުރޭޑު 8، 9، އަދި 10ގެ އަންހެން ދަރިވަރުންތަކެއް ފާހާނާ ބަރި ކައިރިއަށް އެއްކޮށް އެ ކުދިން ލައިގެން ތިބި ހެނދުން ބާއްލުއްވާ، އެ ކުދިން ގަޔަށް ޕްރެޝަރުގައި ފެންޖަހާފައިވެއެވެ. އެކަން ކޮށްފައިވަނީ ކެޑޭޓް ކޭމްޕުގެ އަންހެން އިންސްޓްރަކްޓަރެއް ކަމަށް ރިޕޯޓުކޮށްފައވެއެވެ.

އެކަމާ ގުޅިގެން ރެހެންދި ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، މިމަހު 10 އިން 12 އަށް އެސްކޫލުގައި ހިންގި ކެރޭޓް ކޭމްޕުގައި ދަރިވަރުންގެ ހެދުން ބާލުވައި ފެންޖެހި ކަމަށް ބުނެ ނޫހުގައި ދައުރުވާފަ ހާދިސާއެއް ސުކޫލުގެ އެއްވެސް ބެލެނިވެރިޔަކު ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

އަދި ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ ސުކޫލުގެ ރަޖިސްޓަރީގައި ނެތް ފަރާތަކުން ބެލެނިވެރިއެއްކަމަށް ބުނެ ސްކޫލުގެ ނަމާއި ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ފަތުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަސް ވަނީ އިލްތިމާސްކޮށްފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ، އެ ހަރަކާތުގައި ފިރިހެން ދަރިވަރުންނަށް ފިރިހެން އިންސްޓްރަކްޓަރުން އަދި އަންހެން ދަރިވަރުންނަށް އަންހެން އިންސްޓްރަކްޓަރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޭމްޕު ކުރިއަށްދިޔައިރު ފީޑް ބެކް ސެޝަންތަކެއް ތާވަލުކޮށްގެން ކުރިއަށްގެންދިޔަކަމަށާއި އެއިން އެއްވެސް ސެޝަނެއްގައި ދަރިވަރެއް ނުވަތަ ބެލެނިވެރިއެއްގެ ފަރާތުން އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށް ބަޔާނުގައި ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ރެހެންދި ސުކޫލާއި ކެޑޭޓު ކޯއިން މިކަން ބެލިބެލުމުން، އެފަދަ ހާދިސާއެއް ހިނގާފައި ނުވާކަމަށް ބަޔާނުގައި ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.