މިއަދު ރެހެންދި ސުކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް "ދަ ޕްރެސް"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރެހެންދި ސުކޫލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ގްރޭޑު 3 ގެ ކުދިން ކިޔަވަމުންދާ ކުލާސްރޫމެއްގައެވެ. އެ ކުލާހުގެ ބޮތްކެއްގައި އަލިފާން ރޯވިއިރު އެ މަންޒަރު ފެނިފައިވަނީ އެ ސުކޫލުގއި ކިޔަވަމުންދާ ދަރިވަރަކަށެވެ.

އަލިފާން ރޯވުމުގެ ސަބަބުން ދުންތައް ސުކޫލު ތެެރެއަށްވަން ކަމަށް މައުލޫމާތު ލިބިފައި ވާއިރު އެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިއީ އެ ސުކޫލުގައި ހިނގި އަލިފާނުގެ 3 ވަނަ ހާދިސާއެވެ.

އެ ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ރެހެންދި ސުކޫލުގެ ބެލެނިވެރިއަކު "ދަ ޕްރެސް"އަށް ބުނީ ދަރިވަރުން ބަލާ ދިއުމަށް މެންދުރުފަހު 1:50 ހާއިރު ބެލެނިވެރިންނަށް ސުކޫލުން މެސެޖު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާހުރެކަން ސުކޫލުން ބެލެނިވެރިންނަށް އަންގާފައި ނުވާ ކަމަށެވެ. ސުކޫލުން ދަރިވަރުން އަވަހަށް ގެއަށް ފޮނުވާލި ސަބަބު ބަޔާންކޮށްދީފައި ނުވިނަމަވެސް ދަރިވަރުން އަވަހަށް ގެއަށް ފޮނުވާލާފައި ވަނީ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށް ދަރިވަރުންނާ ހަވާލާދީ ބެލެނިވެރިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ރެހެންދި ސުކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުވެސް ވަނީ އެ ސުކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ރޯވީ އެ ސުކޫލު އިމާރާތުގެ އެންމެ ތިރީ އަދި ފަސްވަނަ ފަންގިފިލާގައި ހުރި ކަރަންޓު ބޯޑެއްގައެވެ.