ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަހު ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށްޓަކައި، އެ ދުވަހު ސަރުކާރު ބަންދު ކުރާ ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސް ކަމަށެވެ.

އަދި މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރާ އަހަރު ކަމަށް ވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކުރެއްވުމުގެ ގޮތުން އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް ބަންދު ކުރާނެ ކަމަށެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހުސްވި އަހަރުން ފެށިގެން އެކިއެކި ހަރަކާތްތައް ޓޫރިޒަމް މިނިސްޓްރީން ހިންގަމުން އަންނަ އިރު، ދާއިރާގެ ޕައަނިއަރުން ނުވަތަ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފު ކުރި ފަރާތްތައް ހިމަނައިގެން ޕެނަލް ޑިޝްކަޝަނެއް ބޭއްވުމާއި، ފަތުރުވެރިކަމާ ގުޅުން ހުރި އެކިއެކި އިވެންޓްތައް އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި މޫދުގެ ކުޅިވަރުތަކާއި އަތޮޅުތެރޭގައި ހިންގާ ބައެއް ހަރަކާތްތައްވެސް މިވޭތުގެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަނީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖް ހުޅުވި ތާރީހަށް ބަލައިގެންނެވެ. އެއީ އޮކްޓޫބަރު 3، 1972 އެވެ.