އިންޑިއާއިން ނުރުހިގެން ހުއްދަ އަނބުރާ ގެންދިޔަތާ ހަފްތާއެއް ފަހުން ޗައިނާގެ މަނަވަރު ލަންކާއަށް ދާން ލަންކާއިން ހުއްދަދީފިއެވެ.

ޗައިނާގެ މަނަވަރު ޔުއާން ވޭންގް 5 އަކީ ރިސާޗް ކުރުމާއި ސާވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މަނަވަރެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޝިޕިންގް ސައިޓްތަކުގައި ލިސްޓްކޮށްފައި އޮތް ނަމަވެސް އިންޑިއާއިން ތުހުމަތު ކުރަނީ އެއީ ޖާސޫސީ މަނަވަރެއް ކަމަށެވެ.

ގިނަ ބޯތަށި (ޑިޝްތައް) ހަރުކޮށްފައި އޮންނަ އެ މަނަވަރު ލަންކާއަށް ދާން އިންޑިއާއިން ދެކޮޅު ހެދީ، ރާއްޖެ ހިމެނޭ މިސަރަހައްދުގެ ސެޓެލައިޓްތަކާއި ޖައްވީ މައުލޫމާތުތަކަށް އެމަނަވަރުން ފާރަލައި ސިއްރުތައް އަތުލަފާނެ ކަމަށް ތުހުމަތު ކޮށްފައެވެ.

ހުސްވި ޖުލައި މަހު ދަތުރުކުރަން ހުއްދަ ދިން އެމަނަވަރު، ލަންކާގައި ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރަށް ދަނީ ޒަރޫޒީ ބައެއް ކާބޯތަކެއްޗާއި ތެޔޮ ހިފައިގެން ކަމަށް މީގެ ކުރިން ލަންކާގެ އޮފިޝަލުން ބުންޏެވެ. ނަމަވެސް އެ ދަތުރު ހުއްޓުވާ އަލުން ހުއްދަ ދިނުމުން، ފެށޭ ހަފްތާގައި މަނަވަރު ލަންކާއަށް ވަންނާނެއެވެ.

ލަންކާ އަކީ ޗައިނާގެ މުހިންމު އިންފްރާސްޓްރަކްޗާއެއް ކަމަށް ވާ ހަމްބަންޓޯޓާ ބަނދަރު އޮންނަ ގައުމެވެ. ލަންކާއިން އެ ބަނދަރު ޗައިނާއަށް ކުށްޔަށް ދީފައި ވަނީ 99 އަހަރަށް 1.12 ބިލިއަން ޑޮލަރަށެވެ.

އިންޑިއާއަކީ، ގިނަ ކަންކަމުގައި ޗައިނާ އާ ވާދަވެރި ގައުމަކަށް ވާއިރު އިންޑިއާ ކަނޑުގެ ބާރުވެރިކަން ދަމަހައްޓަމުން އަންނަ އަބާދީގެ ގޮތުންނާއި، އަސްކަރީ ގޮތުން ބާރުގަދަ ގައުމެކެވެ. އަދި ސަރަހައްދުގެ މަސްލަހަތަކީ އިންޑިއާގެ މަސްލަހަތުކަމަށް އަބަދުވެސް ގަބޫލުކުރާ ގައުމެއްވެސް މެއެވެ.