ސްރީލަންކާގައި ދިވެހިންނަށް ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ބެއްލެވުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެދިވަޑައިގެންފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންކާގެ ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލަންކާގެ ރައީސް ދިސާނަޔަކެ ވިދާޅުވީ، ލަންކާގައި އިންވެސްޓްމަންޓް ފުރުސަތުތައް ބެއްލެވުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާ ކަމަށެވެ.
ހަމަ އެހެންމެ މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމަނިކުފާނަށާއި ދިވެހި ވަފުދަށް ސްރީލަންކާއިން ވިދާޅުވި ހޫނު މަރުހަބާއާއި، ދަތުރުފުޅުގެ ފެށުނީއްސުރެ އަދާކުރައްވަމުންދާ ދީލަތި މެހެމާންދާރީއަށްޓަކައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކައަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މިއަދު ބޭއްވުނު ރަސްމީ މަޝްވަރާތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަވަށްޓެރި ގުޅުން އިތުރަށް ވަރުގަދަކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މިގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ތައުލީމު، ޒުވާނުންގެ ތަރައްގީ، ސިއްހީ ދާއިރާ، މަސްވެރިކަން، ސަލާމަތީ ކަންކަން އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ދެ ގައުމުގެ އެއްބާރުލުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު އެންމެ ބޮޑު އަމާޒަކީ މި މަޝްވަރާތަކުގެ އަލީގައި ދެ ގައުމުގެ ރައްޔިތުންނަށް ހަގީގީ މަންފާއާއި ލާބަ ލިބޭނެ ގޮތަށް ކަންކަން ތަންފީޒު ކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާވެގެންދާނެ ދަތުރުފުޅެކެވެ.
